09 Jul 2015, 12:14
ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމަށް ހުށައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްސަލައާ ގުޅިގެން ލިޔުމުން މަޖިލީހަށް ޖަވާބުދާރީވުމަށް އެމަނިކުފާނު ނިންމަވައިފި އެވެ.
ނައިބް ރައީސްގެ އަރިސް ބޭފުޅަކު މިއަދު ސަން އަށް ވިދާޅުވީ މިވަގުތު ލަންޑަންގައި ހުންނެވި ނައިބް ރައީސް މަޖިލީހަށް ޖަވާބުދާރީވުމަށް ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށާއި އެގޮތުން ޖަވާބުދާރީވެ ވަޑައިގަންނަވާނީ ލިޔުމަކުން ކަމަށެވެ.
"މަޖިލީހަށް ޖަވާބުދާރީ ވާށޭ އޮތީ، މަޖިލީހަށް ޖަވާބުދާރީވާކަށް ވަޑައެއް ނުގަންނަވާނެ. އެއީ ޔަގީންކަމެއް، އެހެންވީމާ ލިޔުމުން ދޭނީ." އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު 30 ވަނަ ދުވަހު ވަނީ އެމަނިކުފާނު ޖަވާބު ދާރީވުމަށް ނޯޓިސް ފޮނުވާފަ އެވެ. ނޯޓިސްގެ މުއްދަތު ހަމަވާނީ މިމަހު 13 ވަނަ ދުވަހަށެވެ.
އެ ގަރާރުގެ ބަހުސްގެ މަރުހަލާގައި އަނގަ ބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާނެ ކަމަށް ވެސް ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އަދި ގާނޫނީ ވަކީލަކު ބޭނުން ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ގަވައިދަށް އަލަށްގެނައި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް އޮންނަ ދުވަހު މަޖިލީހުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާޒިރު ނުވި ނަމަވެސް ބަހުސް ކުރިއަށް ގެންގޮސް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމަންވާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.
ނައިބު ރައީސް ވަކިކުރާ ގަވައިދު މަޖިލީހަށް ހުށަހެޅީ ވެސް 61 މެމްބަރުންގެ ސޮޔާއެކު އެވެ.
ނައިބު ރައީސް ޖަމީލު މިވަގުތު ހުންނެވީ ލަންޑަންގަ އެވެ. އެމަނިކުފާން ވިދާޅުވެފައި ވަނީ މަގާމުން ވަކި ކުރުމަކީ "ގާނޫނު އަސާސީގެ ތެރެއިން ގެންނަ ބަޣާވާތެއް" ކަމަށެވެ.