އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މި ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު އަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާދީފި އެވެ.

ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ ނާޒިމް އަށް ފަރުވާދެމުންދަނީ ލޮލުގައި ރިއްސާއުޅޭތީ އެކަމަށް ކަމަށެވެ. ޑޮކްޓަރަށް ދެއްކުމާ އެކު ޗެކްއަޕްތައް ހަދަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ފަސް ހަފްތާވެސް ވެއްޖެ ޑޮކްޓަރަށް ދައްކައިދޭ ކިޔާތާ، މިއަދު އެގެނެސްދިނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ލޮލުގައި ރިއްސާތީ ކުރިން ވެސް އުޅޭ ކަމަށާއި އެނޫނީ ހާލު ރަނގަޅު ކަމަށެވެ.

ނާޒިމް އަށް ވަނީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުން ދަތުގެ ފަރުވާ ވެސް ދީފަ އެވެ. އަދި ދާދިފަހަކުން ވަނީ ސިންގަޕޫރުން ވެސް ފަރުވާދީފަ އެވެ.

ނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.