09 Jul 2015, 11:19
މޮސްކޯ (ޖުލައި 9) : ރަޝިޔާ އާއި ޗައިނާ ގުޅިގެން ދުނިޔޭގެ އިގްތިސާދީ ސިޔާސީ ހުރިހާ މައްސަލަތަކަށް ހައްލުގެނެވިދާނެ ކަމަށާ މިކަމުގެ ގާބިލްކަން މިދެގައުމުގައި އެބަހުރި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ގައުމުތައް ހިމެނޭ ބްރިކްސް ޖަމާއަތުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ބައިވެރިވެ ވަޑައިގަތުމަށް ރަޝިޔާ އަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރެއްވުމަށް ފަހު ޕޫޓިން ވިދާޅުވީ މިހާރުގެ ދުނިޔެއަކީ ހަމައެކަނި އެއްބާރުގެ ކޮންޓްރޯލް އޮތް ދުނިޔެއެއް ނޫން ކަމަށާ މިއީ ގިނަބާރުތަކެއްގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ކަމުގަ އެވެ. މިގޮތުން ޗައިނާ އާއި ރަޝިޔާއަކީ މިބޮޑެތި ބާރުތަކުގައި ހިމެނޭ ދެބާރުކަމަށާއި މިބާރުގައި ދުނިޔޭގެ އިގްތިސާދީ ސިޔާސީ މައްސަލަތައް ޙައްލުކުރުމުގެ ގާބިލް އެބަހުރި ކަމަށް ޕޫޓިން ވިދާޅުވި އެވެ. ރަޝިޔާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ބްރިކްސް ޖަމާއަތުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ އެޖަމާއަތުގެ ގައުމުތަކުގެ އިސް ލީޑަރުން އިއްޔެވަނީ މޮސްކޯ އަށް ވަޑައިގެންފަ އެވެ.
ބްރިކްސްގެ ލީޑަރުންނަކީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ އިތުރުން ޗައިނާގެ ރައީސް ޒީޝިންޕިން އާއި ދެކުނު އެފްރިކާގެ ރައީސް ޖާކޫބް ޒޫމާ އާއި ބްރަޒީލްގެ ރައީސާ ދިލްމާ ރޮސޭފް އާ އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ އެވެ. މީގެތެރެއިން ޗައިނާއާއި ރަޝިޔާއަކީ މިހާރުވެސް ދުނިޔޭގެ ބޮޑު ދެބާރުކަމަށްވާ އިރު އިންޑިޔާއާއި ބްރަޒީލްއަކީ ކުރިޔަށްއޮތް ދިހަވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ލިސްޓަށް އަރާނެ ކަމަށް ސްޓްރެޓީޖިކް ދިރާސާތައް ކުރާ ފަރާތްތަކުން ލަފާކުރާ ދެގައުމެވެ. ޕޫޓިން އިއްޔެވަނީ ބްރިކްސް ޖަމާއަތުގެ އިސްލީޑަރުންނާ ވަކިވަކިން ބައްދަލުކުރައްވާފަ އެވެ.
އެއްދުވަހުގެ މުއްދަތަށް ބާއްވާ ބްރިކްސް ޖަމާއަތުގެ އިސްވެރިންގެ ސަމިޓްގައި މަޝްވަރާކުރުމަށް އެޖެންޑާ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ޔުކްރޭންގެ މައްސަލައާއި ގްރީސްގެ ދަރަނީގެ މައްސަލައާ އަދި އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެން އެދެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި އަމަލުތަކެއް ހިންގާ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތް ބަލިކޮށްލުމުގެ މައްސަލަ ހިމެނެއެވެ. (ނޫސްއެޖެންސީތައް)