09 Jul 2015, 11:10
ރަމަޟާން މަހު ދުވާލުގެ ވަގުތު ސިނގިރޭޓް ބޯންތިބި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު އއ. ރަސްދޫން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ އާންމު ފަރާތަކުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިއްޔެ 3:15 ގައި ރަސްދޫ ހުޅަނގުފަރާތު އަތިރިމަތީގައި ދަޅާއި ސިނގިރޭޓް ބޯން ތިބި ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެމީހުން ތިބި ސަރަހައްދުން ބޮއެފައި ހުރި ސިނގިރޭޓާއި ދަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އިއްޔެ ވަނީ ހުޅުމާލެއިން ވެސް ދުވާލު ވަގުތު ކާން އިން ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.
ރޯދަ މަހު ދުވާލު ވަގުތަކުގައި ރޯދައަށް ނުހުރެ ކެއިން ބުއިމަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް ފެންމަތިވާ ބޮޑު މައްސަލައެކެވެ.
ދީނީ ގޮތުން ބަލާއިރު މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލައިފި މީހާ އެކަމަށް ތައުބާވެ ޖެހިޖެހިގެން ދެ މަސް ވަންދެން ރޯދަ ހިފަން ޖެހެ އެވެ.
ރޯދަ މަހު ދުވާލު ރޯދަ ދޫކޮށްލައިގެން މިހާތަނަށް އާންމުކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގައި ވަނީ 150 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް ވަރަށް މަދު ފަހަރެއްގައި ހަ މަހަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.