ލަންޑަން (ޖުލައި 8) : މީގެއެތައް އަހަރެއް ކުރިން މަރުވެފައިވާ ފިރިމީހާގެ ފަރާތުން އިނގިރޭސި އަންހެނަކަށް ދެދަރިން ލިބިއްޖެ އެވެ.

މިދެދަރިންގެ ތެރެއިން ފުރަތަމަ ދަރިފުޅަށް އަންހެންމީހާ ބަލިވެ އިނީ ވެސް ފިރިމީހާ މަރުވިތާ ދެ އަހަރު ފަހުންނެވެ. ބަލިވެއިނުމަށް ބޭނުންކޮށްފައި ވަނީ އާޓިފިޝަލް ފާޓިލައިޒޭޝަން ޓެކްނިކް އެވެ. މިޓެކްނިކް ބޭނުންކޮށްގެން އަންހެންމީހާ މާބަނޑުވެފައި ވަނީ އޭގެ އަހަރުތަކެއް ކުރިން މަރުވި އޭނާގެ ފިރިމީހާގެ ދަރިފަނީގެ އެހީގަ އެވެ. ދަރިފަނި ނަގައި ސިއްޙީ ގޮތުން އެ ރައްކާކުރަން ޖެހޭ ގޮތަށް ރައްކާކޮށްފައި ވަނީ ފިރިމީހާ މަރުވުމުގެ ކުރިންނެވެ. މިއަންހެންމީހާގެ ނަމަކީ ކާޑީއެވެ.

ކާޑީ އޭނާގެ ފިރިމީހާ މައިކް އާ އެންމެ ފުރަތަމަ ބައްދަލުވެ ރައްޓެހިވެފައި ވަނީ 2008 ވަނަ އަހަރުގަ އެވެ. އެއަށް ފަހު މައިކް ހެދި މެޑިކަލް ޗެކަޕަކުން ހާމަވިގޮތުގައި އޭނާގެ ބޮލުގައި ވަނީ މިލަނޯމާއެއް (ކެންސަރުގެ ޓިއުމަރެއް) އުފެދިފަ އެވެ. އަދި ކެންސަރުގެ އަސަރުވަނީ މުޅި ސިކުނޑިއަށާއި މެޔަށް ވެސް ފެތުރިފަ އެވެ. އަދި ހައެއްކަ މަސްތެރޭގައި މައިކް މަރުވުމުގެ ފުރްސަތު ބޮޑުކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެ އެވެ.

މިއާއެކު ކިމޯ ތެރަޕީގެ ފަރުވާ މައިކް އަށް ދިނުމުގެކުރިން ކަމާބެހޭ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ކްލިނިކެއްގައި މައިކްގެ ދަރިފަނި ނަގައި ސިއްޙީ ގޮތުން އެ ރައްކާކުރަންޖެހޭ ގޮތަށް ރައްކާކުރި އެވެ. އެއަށް ފަހު ދެމީހުން ކައިވެނިކުރީ 2010 ވަނަ އަހަރުގަ އެވެ. ކެންސަރު ބަލީގައި މައިކް މަރުވީ ކައިވެނި ކުރިތާ 4 މަސްފަހުންނެވެ.

މައިކް މަރުވިތާ ދުވަސްކޮޅެއް ފަހުން އޭނާގެ ހުވަފަތް އަނބިމީހާ ކާޑީ މަސައްކަތްކުރީ ފިރިމީހާގެ ރައްކާކޮށްފައިވާ ދަރިފަނި ބޭނުންކޮށްގެން ދަރިއަކަށް ބަލިވެ އިނދޭތޯ ކަމާބެހޭ ކްލިނަކަށް ގޮސް އެކަމަށް ނަގަން ޖެހޭ ޓްރީޓްމަންޓްތައް ނެގުމުގެ މަސައްކަތެވެ. މިގޮތުން އާޓިފިޝަލް ފަޓިލައިޒޭޝަންގެ އެހީގައި 2012 ވަނަ އަހަރު ފުރަތަމަ ކުއްޖާއަށް ކާޑީ ބަލިވެއިނެވެ. އޭރު ފިރިމީހާ މައިކް މަރުވިތާ ދެއަހަރުވެއްޖެ އެވެ. އާޓިފިޝަލް ފަޓިލައިޒޭޝަންގެ އެހީގައި ޗާލީއަށް އޭނާގެ ފުރަތަމަ ފިރިހެން ދަރިފުޅު ލިބުނެވެ. އެއީ ޗާލީއެވެ. ދެވަނަ ފަހަރަށް ކާޑީ ބަލިވެއިނީ ވެސް ފިރިމީހާގެ ރައްކާކޮށްފައިވާ ދަރިފަނި ބޭނުންކޮށްގެން އާޓިފިޝަލް ފާޓިލައިޒޭޝަން ޓެކްނިކްގެ އެހީގަ އެވެ. މިފަހަރު ޗާލީއަށް ލިބުނީ އަންހެން ކުއްޖެކެވެ. އެއީވެސް މަރުވި ފިރިމީހާ، މައިކްގެ ދަރިއެކެވެ.

ކާޑީ އަކީ މިހާރު އެކަނި އާއިލާއެއް ބަލަހައްޓާ އަދި ދެކުދިންގެ މަންމައެކެވެ. އޭނާގެ ޢާއިލާއަށް މަދީ އޭނާގެ ދެކުދިންގެ ބައްޕަ މައިކް އެކަނިކަމަށް ކާޑީ ބުނެ އެވެ. ނަމަވެސް މައިކްގެ ލެއިން އުފެދިފައިވާ ދެކުދިން ތިބުމުން އޭނާއަށް ހިތްހަމަޖެހުން ލިބޭކަމަށާ އޭނާ އުޅެނީ އުފަލުގައި ކަމަށް ކާޑީ ބުނެއެވެ. (އަލްގުދްސުއަލްއަރަބީ)