06 Mar 2011, 15:52
އެ ދާއިރާ އަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓުތައް ބާތިލްވާނެ ކަމަށް ބުނާ މާއްދާ ބާތިލްކޮށް އެ ވޯޓުތައް ވެސް ސައްހަވާނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ބައިވެރިވެވަޑައިގުންނެވޭނެ ކަމަށް ބުނެ މައްސަލަ ހުށަހެޅި ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު މިފަހަރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓުތައް ބާތިލްވާނެ ކަމަށް ބުނެފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާ ގާނޫނު އަސާސީއާ ހިލާފް ކަމަށެވެ.
މޫސާ އަންވަރު ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާ އެކު އިހްތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ނ. ގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންނާ ދިމާލުގައި ފާހަގަ ޖަހާފައިވާ ނަމަ ވޯޓު ބާތިލްވާނެ ކަމަށް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނެފައި އޮތުމުން ގާނޫނު އަސާސީގެ އެ މާއްދާ އިން ލިބިދީފައިވާ މަންދޫބުން އިހްތިޔާރު ކުރުމުގައި އޮންނަ މިނިވަންކަން ހަނިވެ ތިމާ ނުރުހޭ މީހުންނާ އެކު ވަކި އަދަދެއްގެ ބަޔަކަށް ވޯޓު ދިނުމަށް މަޖުބޫރުވާ ކަމަށެވެ.
އެ ދައުވާގައި އިތުރަށް ބުނެފައި ވަނީ އަސާސީ ހައްގެއް ހަނި ކުރެވޭނީ ގާނޫނު އަސާސީއާ ތައާރަޒްނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއްގެ ދަށުން ކަމަށާއި އަދި އެފަދަ ހައްގެއް ހިފެހެއްޓޭނީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް މިފަދަ މިނިވަންކަމެއް ހިފެހެއްޓިދާނެ މިންވަރަށް ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި ބުނެފައި ވަނީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވޯޓު ބާތިލް ކުރަނީ އެ އިންތިހާބަކުން ހާސިލްކުރަން ޖެހޭ ނަތީޖާ ނެރެވޭ ގޮތަށް އެ ވޯޓެއް ސާފުނުވާ ނަމަ ކަމަށެވެ.
މީގެ އިތުރުން އެ ދައުވާގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިނިވަންކަމަކާ ނުވަތަ އަސާސީ ހައްގަކާ އެއްވެސް ގާނޫނެއް ތައާރަޒްވާ ނަމަ އެ ތައާރަޒްވާ މިންވަރެއް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާގައި "އިންތިހާބުކުރަން ޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެއް" ކަމަށް ބުނެފައިވާ ބުނުން ބާތިލް ކަމަށް ކަނޑައަޅައިދީ އެ މާއްދާ އިން ގާނޫނު އަސާސީއާ ތައާރަޒްވާ މިންވަރެއް ބާތިލް ކުރުމަށް އެ ދައުވާގައި އެދިފައިވެ އެވެ. އަދި އެ މާއްދާގެ ދަށުން މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލްކޮށްފައިވާ ވޯޓުތައް ސައްހަ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.