އިނގިރޭސިވިލާތުގެ މެންޗެސްޓާގެ ހޮސްޕިޓަލުގައި 2013 ވަނަ އަހަރުގެ އެޕްރީލްގައި ފަރުވާ ހޯއްދަވަމުންދަނިކޮށް ނިޔާވި ޑރ. ހައުލަތު މުހައްމަދު 'މަރުވަނީއޭ ބުނުމުންވެސް" ޑޮކްޓަރުން އަޅާނުލައި އޭނާ އަމިއްލައަށް 'ކަންތައް ބޮޑުކުރަނީ' ކަަމަށް ބުނި ކަމަށް މިކަމާ ގުޅިގެން ކުރަމުން އަންނަ ތަހުގީގަށް ހާމަވެއްޖެއެވެ.

މި ތަހުގީގާ ބެހޭ މައުލޫމާތު ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އޮންލައިން ނޫހެއް ކަމުގައިވާ ޑެއިލީ މެއިލްގައި ގެނެސްދީފައެވެ.

އެ ތަހުގީގުގައި އޭނާގެ ދޮށީ ދަރިފުޅު އުމުރުން 24 އަހަރުގެ ރިހުލާ ބުނީ މަންމަ މަރުވުމުގައި ޑޮކްޓަރުންގެ އިހުމާލެއްވާކަމަށް ގަބޫލުކުރާ ކަމަށެވެ.

ޑރ. ހައުލަތު އެޑްމިޓް ކުރީ ބަނޑަށް 36 ހަފްތާގައި ނޭވާލާން އުދަގޫވާތީއެވެ. އަދި ޑރ. ހައުލަތު އޮޕަރޭޝަންކޮށްފައި ދަރިފުޅު ނެގުމަށް އެދެމުންދިޔައެވެ. އަދި ހައުލަތު އޭނާ މަރުވަމުންދާ ކަަމަށާއި ގުނަވަންތައް 'ފެއިލް' ވާކަމަށް ބުނަމުންދިޔައެވެ. އެހެންނަނަމެވެސް މެންޗެސްޓާގެ ސޭންޓް މޭރީ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނިކަަމަށް މެޑިކަލް ރިކޯޑްތަކުގައި ވަނީ ހައުލަތު އަމިއްލަ އަށް 'ކަންތައް ބޮޑުކުރަނީ' ކަމަށެވެ. އަދި ނޭވާލާން އުދަގޫ ވަނީ އޭނާ އަމިއްލަ އަށް ކުރާ ކަމެއްގެ ސަބަބުން ކަމަށް މެޑިކަލް ރިކޯޑުތަކުގައި ވެއެވެ.

ހައުލަތު ދަރިންނާއި އެކު

ތަހުގީގުގައި ވާހަކަ ދައްކަމުން ރިހުލާ ބުނީ މަންމަ ނޭވާނުލެވޭ ވާހަކަ ބުނުމުން ޑޮކްޓަރުން އެވާހަކަ ގަބޫލުނުކުރި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ޑޮކްޓަރު ވިދާޅުވީ ހައުލަތު ނޭވާލާން އުދަގޫވާ ކަމަށް ގަބޫލުކުރެވޭނެ ސިއްހީ ސަބަބުތަކެއް ނެތް ކަަމަށެވެ.

ޑޮކްޓަރުން މަންމައާ މެދު އަމަލުކުރިގޮތުން ހީވަނީ މަންމަ އަށް މަންމަ ކިޔާ އެއްޗެއް ނޭނގޭހެން ކަމަށް ރިހުލާ ބުންޏެވެ. މަންމަގެ ފުއްޕާމޭ ފެއިލްވާ ވާހަކަ ބުނީމަ ޑޮކްޓަރުން މަންމަ އަކީ ޑޮކްޓަރެއްތޯ ސުވާލުކުރިކަމަށް ރިހުލާ ބުންޏެވެ.

"މަންމަ އަކީ މެޑިކަލް ޑޮކްޓަރެއް ނޫންނަމަވެސް ޑޮކްޓަރެއް. މަންމަގެ ފުއްޕާމޭ ދިޔައީ ފެއިލްވަމުން އެކަމަކު ޑޮކްޓަރުން އެވާހަކަ ގަބޫލުނުކުރި. މަންމަ ދިޔައީ ވަރަށް ބޮޑަށް ތަދާއި ވޭން އިހްސާސްކުރަމުން އެހެންނަމަވެސް ނޭވާލުން އުދަގޫވުމަކަށް އަވަސް ފަރުވާ އެއް ނުދޭ،" ރިހުލާ ބުނިކަަމަށް ޑެއިލީ މެއިލްގައި ވެއެވެ.

ހައުލަތު ނޭވާލާން އުދަގޫވެ ލޭމައްޗަށް ދިއުމުން ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން އެކްސްރޭ އެއް ނެގުމަށް ފަހު އެންޓިބައޮޓިކްސް ދިނެވެ. އަދި 2013 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ހާލުދެރަވާން ފެށުމުން ބަނޑުގައި ރިއްސެވުމަށް ބޭހެއްދީ ވިއްސިވެ. އޭގެ ހަތަރު ދުވަސް ފަހުން އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ބަދަލުކުރިއެވެ. ހައުލަތު ނިޔާވީ އެއަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

މެންޗެސްޓާ ހޮސްޕިޓަލުގެ ޑޮކްޓަރު އެ ތަހުގީގުގައި ވިދާޅުވީ ހައުލަތުގެ ކަންތައް ބެލެހެއްޓީ 'ވަރަށް ސީރިއަސް' ކަމާ އެކު ކަަމަށެވެ. އޭނާ އުޅުނު ގޮތާ މެދު ކަންބޮޑުވުންތަކެއް ހުއްޓަސް އޭނައަށް ފަރުވާދޭންޖެހޭ ބައްޔެއް ހުރިކަަމަށް ގަބޫލުކުރިކަމަށެވެ.

އަދި އޮޕަރޭޝަންކޮށްގެން ދަރިފުޅު ނުނެގީ ހައުލަތުގެ ބަލިހާލަތު ހުރިގޮތުން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ. މި މައްސަލައާ ގުޅޭ ބައެެއް މެޑިކަލް ނޯޓްސްތައް ގެއްލިފައިވާ ކަމަށް ޑެއިލީމެއިލް އިން ބުންޏެވެ.

ހައުލަތު ނިޔާވި އިރު މަސައްކަތްކުރައްވަމުން ގެންދެވީ މެންޗެސްޓާ ކޮލެޖެއްގެ ލެކްޗަރާގެ މަގާމުގައެވެ. ނިޔާވިއިރު ޑރ. ހައުލަތުގެ ފަސް ކުދިން ތިބެއެވެ. އެއީ ހަތަރު އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެކެވެ.