ދަރުބާރުގޭ ކައިރިން ވަޅިން ހަމަލާދީ ހ. ހަންޑްރެޑް ފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު އެވެ. ޖައިލަމް މަރުވެފައި ވަނީ އޭނާގެ ގެ ކައިރީގައި ހުއްޓައި ދެ ސައިކަލްގައި ދިޔަ ހަތަރު މީހުންގެ ތެރެއިން މީހަކު ޖައިލަމަށް ވަޅިން ދިން ހަމަލާގެ ސަބަބުންނެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެއީ ވ. ސިނަމާލެ 4 01-04 އިސްމާއީލް އަނީގު އާއި، ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި، ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނެވެ.

އެ މީހުންގެ ތެރެއިން އިސްމާއީލް އަނީގުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ނަސީބު ސައީދު އާއި، އަލީ އިރުފާންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެފަހަރު އެ މައްސަލަ ރަޖިސްޓްރާ ބަލައިގަނެ ސެކްޝަނަށް ފޮނުވުމުން ގާޒީ މައްސަލަ ދިރާސާ ކުރެއްވި އިރު، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އިސްމާއީލް އަނީގު ތޫނުއެއްޗެއް ބޭނުންކޮށްގެން ޖައިލަމާ މާރާމާރީ ހިންގިކަން ދައުވާގެ ސީޣާއިން އެނގެން ނެތް ކަމަށް ފާހަގަކުރެވުމުން ދައުވާގެ އިބާރާތް ރަނގަޅު ކުރުމަށް މައްސަލަ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

އެ އިބާރާތް ރަނގަޅު ކުރުމަށް ފަހު އަލުން ހުށަހެޅުމަށް 13 އޭޕްރީލްގައި ފޮނުވާލި މައްސަލަ ކުރިން ވެސް ހުށަހެޅި ގޮތަށް އިސްލާހު ކުރުމެއް ނެތި ދެވަނަ ފަހަރަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ ހަތް ދުވަސް ފަހުން އަނެއްކާ ވެސް ކްރިމިނަލް ކޯޓުން ވަނީ ކުރިން އެންގި ގޮތުގެމަތިން އަމަލުކޮށްފައިނުވާތީ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

މިހާހިސާބުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބެލެނިވެރިކަމުގެ އިޙްތިސޯސްގެ ދަށުން ހައިކޯޓަށް އެ މައްސަލަ ހުށަހަޅާފަ އެވެ.

ހައިކޯޓުން މައްސަލަ ބެލުމަށް ފަހު އެ ދައުވާ ބަލައިގަތުމަށް ކްރިމިނަލް ކޯޓަށް އަންގައި ހުކުމް ވަނީ އިއްވާފަ އެވެ.

ދައުވާގެ ސީޣާ އެގޮތަށް އިބާރާތްކޮށްފައި ވަނީ ގާނޫނު އަސާސީންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުން ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިދޭ ބާރުގެ ތެރެއިން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ ދައުވާގެ ސީޣާ އެގޮތަށް ބައްޓަންކޮށްފައި ވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި، ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ރޫހާ އެއްގޮތަށްކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން " ދައުވާގެ ސީޣާ ބަދަލުކުރުމުން ނޫނީ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް " ކްރިމިނަލް ކޯޓުން އަންގާފައިވާ އެންގުން ބާޠިލް ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.

އެ މައްސަލާގައި ދައުލަތުން ކުރި ދައުވާގެ ސީޣާގައި ބުނެފައިވާ ގޮތުން ޖައިލަމަށް ވަޅިން ހަމަލާދީފައި ވަނީ ދައުވާ ލިބޭ ތިން މީހުންނާ އެކު ދިޔަ އިތުރު މީހާއެވެ. ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު އެއިން އެއްވެސް މީހަކު ތޫނުއެއްޗަކުން ޖައިލަމަށް ހަމަލާދިން ކަމެއް ދައުވާގެ ސީޣާއިން އެނގޭކަަށް ނެތެވެ.

ދައުވާގެ ސީޣާއިން އެނގެން އޮތީ އެމީހުންނާ އެކު އެތަނަށް ދިޔަ އިތުރު މީހާ ތޫނުއެއްޗެއް ބޭނުންކޮށްގެން ޖައިލަމާ މާރާމާރީ ހިންގި އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިންތަޅައި ޖައިލަމާ މާރާމާރީ ހިންގި ކަމެވެ. އަދި އެ އެންމެން އެތަނަށް ދިޔައީ ޖައިލަމަށް ތޫނުއެއްޗަކުން ހަމަލާ ދިނުމަށް ކަމަށް ދައުވާގައި ބުނެފައިވާ އިރު، ޖައިލަމަށް ވަޅިން ހަމަލާދިން މީހާ އަކީ ކާކު ކަމެއް ބަޔާންކޮށްފައެއް ނެތެވެ.

އިސްމާއީލް އަނީގު ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލްގައި ދިޔަކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ގާނޫނީ ގޮތުން ސުވާލު އުފެދިފައި މިވަނީ ވަޅިން ހަމަލާދިން މީހާގެ މައްޗަށް ދައުވާ ނުއުފުލައި، އޭނައާ އެކު އެ އަމަލުގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާ ސާބިތު ވެދާނެތޯ ނުވަތަ ނޫންތޯ އެވެ. އެހެންނަމަވެސް އެކަމާ މެދު ދެން ގޮތެއް ނިންމާނީ ޝަރީއަތުންނެވެ. ހައިކޯޓުން މި ވަނީ އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓަށް ލާޒިމްކޮށްފަ އެވެ.