08 Jul 2015, 22:28
ސަރުކާރާއި، އިދިކޮޅު އެމްޑީޕީއާ ދެމެދު މިރޭ ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާ ކެންސަލް ކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީއާ ސަރުކާރާ ދެމެދު ކުރުމަށް ހަމަޖެހިފައިވާމަޝްވަރާގެ ތިން ވަނަ ބައްދަލުވުން ބައެއް ބޭފުޅުން ރަށުގައި ނޫޅުއްވާތީ ކެންސަލް ވެފައިވާ ކަމަށެވެ.
Mirey beyvvumah thaavalu kurevunu, Sarukaaraai MDP ge 03 vana mashvaraa baddhaluvun, baeh beyfulhun rashugai noolhuvvaathy cancel.
— Ibrahim Muaz Ali (@SpokespersonMV)July 8, 2015
މުއާޒު މިރޭ "ސަން" އަށް ވިދާޅުވީ، ރަށުގައި ނޫޅުއްވަނީ ސަރުކާރުން މަޝްވަރާގައި ބައިވެރިވާ ބައެއް ބޭފުޅުން ކަމަށެވެ.
ސަރުކާރާ އެމްޑީޕީއާ ދެމެދު މިހާތަނަށް ވަނީ މަޝްވަރާގެ ދެ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ.
އެންމެ ފަހުން ބޭއްވި މަޝްވަރާގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން އެމްޑީޕީއާ އެކު މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ފަރާތުން ބައެއް ކަންކަން ހުށަހެޅިއިރު ވަކި މުއްދަތެއްގެ ތެރޭގައި ބައެއް ކަންކަން ނިންމަން އެދިފައިއޮތަސް އެއްވެސް ހުށަހެޅުމަކަށް މުހުލަތެއް ނުލައި ކުރިއަށްގެންދަން އެއްބަސްވެފައިވާ ކަމަށެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި އޮތީ ސިޔާސީ ހަމަޖެހުން އަލުން ގާއިމް ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ކަންކަން ކުރާނެ ގޮތުގެ ތާވަލަކާއި އަދި އެމްޑީޕީން ސަރުކާރަށް ކޮށްދޭންވީ ކޮންކަމެއްކަން ސަރުކާރަށް ހުށަހެޅުމެވެ.
އެމްޑީޕީން ހުށަހެޅި ބައެއް ކަންކަން:
- ހުކުމް ތަންފީޒުކުރަމުންދާ ބައެއް ސިޔާސީ ބޭފުޅުންނަށް ލުޔެއްދިނުން.
- ސިޔާސީ ހަރަކާތްތަކާ ގުޅިގެން ދައުވާ އުފުލިފައިވާ ސިޔާސީ ބޭފުޅުންނަށް ލުޔެއްދިނުން.
- ސިޔާސީ ހަރަކާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ފަރާތްތަކަށް ލުޔެއްދިނުން.
- ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުން.
- ކައުންސިލަރުންނާއި ސިވިލްސާވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާ އަދާކުރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުން.
- ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭ މިނިވަން ތަހުގީގެއް ހިންގުން.
- ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭ މިނިވަން ތަހުގީގެއްހިންގުން.
- ސިޔާސީ ފަރާތްތަކަށާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން އެސްއެމްއެސްތައް ފޮނުވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުން.
އެމްޑީޕީއާ އެކު ކުރާ މަޝްވަރާތައް ލީޑު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވާފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރުގެ އިތުރުން އެ މަޝްވަރާގައި ސަރުކާރުގެ ބައިވެރިވެވަޑައިގަންނަވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.