ނައިބު ރައީސް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު މިހާތަނަށް އައި އިރު ޝައުގުވެރިކަން ފާޅުކުރައްވައިފައި ނުވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ސްޕޯކްސް ޕާސަން އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އާމިރު މިއަދު "ސަން" އަށް ވިދާޅުވީ ނައިބު ރައީސް ކަމުގެ މަގާމުގެ ޑިމާންޑެއް އެމްޑީއޭގެ ލީޑަރުގެ ވެސް އަދި އެމްޑީއޭގައި ވެސް ނެތް ކަމަށާއި ސަރުކާރުން އެމްޑީއޭގެ ލީޑަރު، ސިޔާމަށް އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވައިފައިވާ ކަން އެނގިވަޑައިގެންފައި ވެސް ނުވާ ކަމަށެވެ.

"އެމްޑީއޭގެ އެފަދަ ޑިމާންޑެއް ނެތް. އަދި ޕާޓީގެ ތެރޭގައި ރަސްމީ ސިފައެއްގައި އެފަދަ މަޝްވަރާއެއް ވެސް ކުރެވިފައެއް އަދިއެއް ނެތް. އެމްޑީއޭ އަކީ ޑިމާންޑްތައް ކުރުމަށް ވުރެ ބޮޑަށް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށް ސަރުކާރު ހިންގުމުގައި އެ ކަންކަމަށް މަގުފަހިކޮށްދޭން ބޭނުންވާ ޕާޓީއެއް،" ދ. ކުޑަހުވަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އެމްޑީއޭ އިން އަބަދުވެސް ބޭނުން ވަނީ ސަރުކާރު ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް އެންމެ ފަސޭހަފުޅު، އަދި އެމަނިކުފާނު އެންމެ ބޭނުންފުޅުވާ ގޮތަކަށް ކަންކަން ނިމިގެން ދިއުން ކަމަށެވެ. އެހެން ކަމުން ނައިބު ރައީސަކު އައްޔަން ކުރައްވަން ޖެހިވަޑައިގެންފި ނަމަ އެކަމުގައި ވެސް އެމަނިކުފާނު އެންމެ ބޭނުންފުޅުވާ ގޮތަކަށް އެކަން ކުރެއްވުމުގެ ފުރުސަތު އޮތުމަކީ އެމްޑީއޭ އިން އެދޭ ގޮތް ކަމަށް އާމިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ރައީސް، ރައީސް މައުމޫނު ބޭނުންފުޅު ވަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ނައިބު ރައީސް ކަމަށް ގެންނަވަން ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި އެއީ ތެދެއް ކަމަށް ވާ ނަމަ، އެ އިޚުލާސްތެރި ޝުއޫރަށް ޓަކައި ރައީސް މައުމޫނަށް ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ގައި ވެސް އެމްޑީއޭގެ ލީޑަރު ނައިބު ރައީސް ކަމަށް ގެންނަން ބައެއް ކަހަލަ ކެމްޕޭންތައް ކުރިޔަށްދާ ކަން ފާހަގަކުރައްވަމުން އާމިރު ވިދާޅުވީ އޭގެން ދައްކައިދެނީ އެމްޑީއޭގެ ލީޑަރަށް އޮތް ތާއިދު ކަމަށާއި އެ ތާއިދު ދެއްވާ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.

އާމިރު އިތުރަށް ވިދާޅުވީ ޕީޕީއެމާ އެކު އެމްޑީއޭއިން ކޯލިޝަން ހަދައިގެން މިހާ ތަނަށް ވެސް މަސައްކަތް ކުރަމުން އަންނަނީ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އިޚުލާސްތެރިކަމާ އެކުގައި ކަމަށެވެ. އެ ގޮތުން ކޯލިޝަން ބައިވެރިއެއްގެ ހައިސިއްޔަތުން އެކި މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި ވެސް ޑިމާންޑު ކުރުމުގެ އުސޫލަށް ވުރެ ބޮޑަށް އިސްކަން ދީފައި ވާނީ ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރައްވާ އަދި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ އުސޫލަކުން އެކަން ކުރުމަށް ކަމަށެވެ. މިސާލެއްގެ ގޮތުން އެމްޑީއޭ ތަމްސީލުކުރާ ވަޒީރުންގެ މަޖިލީހުގެ ދެ މަގާމު ކަމަށްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ ނަންފުޅު އާމިރު ފާހަގަކުރެއްވި އެވެ.