08 Jul 2015, 22:51
ބިދޭސީން ކައުންޓަރުތަކުގައި ބައިތިއްބައިގެން ވިޔަފާރި ކުރަމުން ދިޔަ 106 ފިހާރައަކާއި ގަޑިޔަށް ބަންދުނުކުރާ 14 ފިހާރައެއް ޖޫރިމަނާކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ އެ މިނިސްޓްރީ އިން މިހާތަނަށް މާލޭގެ 737 ވިޔަފާރިއެއް ޗެކްކުރި އިރު އޭގެ ތެރެއިން 106 ތަނެއްގެ ކައުންޓަރުގައި ވެސް ތިބީ ބިދޭސީން ކަމަށެވެ. އެފަރާތްތައް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.
ޗެކްކުރި 737 ވިޔަފާރިތެރެއިން 14 ތަނަކީ ގަޑިޔަށް ބަންދު ނުކުރާ މައްސަލަ ފާހަގަ ކުރެވޭ ތަންތަން ކަމަށްވުމުން އެތަންތަންވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.
އާންމުކޮށް އެގަވައިދާ ޚިލާފްވާ ފިހާރަތައް 2000 ރުފިޔާއިން ޖޫރިމަނާކޮށް އެކަން ރަނގަޅު ކުރުމަށް އަންގައެވެ.
ތައުފީގް ވިދާޅުވީ އަދި މިހާތަނަށް މާލޭގެ ހުރިހާ ފިހާރައެއް ޗެކް ނުކުރެވޭ ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި އެފިހާރަތައްވެސް ޗެކް ކުރެވިގެންދާނެ ކަމަށެވެ.
ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ޗެކްކުރާތީ ދުވާލު ވަގުތުތަކުގައި ދިވެހި ސޭޓުން އަދި ރޭގަނޑު ވަގުތު ތަކުގައި ބިދޭސީ ސޭޓުން ބައިތިއްބަން ވަނީ ފަށާފައެވެ.
އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީ އިން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ޖޫރިމަނާގެ އިތުރުން ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
މާލޭގެ ފިހާރަތައް އެކި ދުވަހުގެ މަތިން ބަލައި ފާސް ކުރަމުންދާ އިރު އަތޮޅު ތެރޭ ފިހާރަތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އާދަމް ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީ ފޮޓޯ ގުރާފަރުންނާއި ބިދޭސީ ކޭޝިއަރުން މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ފޮނުވާލުމަށް އެ މީހުން ރާއްޖެ ގެނެސްފައިވާ ފަރާތްތަކަށް ޑިޕާޓްމަންޓް އޮފް އިމިގުރޭޝަން އެންޑު އެމިގްރޭޝަނުން ވަނީ އަންގާފައެވެ.