06 Mar 2011, 15:40
ޢިރާޤުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކަހްތާން ޠާޙާ ޚަލަފް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް މިއަދު އަރުއްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޢިރާޤުގެ އާ ސަފީރާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޢިރާޤަކީ ތަފާތު ޙާލަތެއްގެ ތެރެއިން ނަމަވެސް ޑިމޮކްރަސީ ޤާއިމް ކުރެވި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ދެ ޤައުމުކަން ފާހަގަކުރައްވައި، މި ދާއިރާއިން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކޮށް ހަރުދަނާ ކުރުމަށް ކުރެވިފައިހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ، ޒަމާނީ ޑިމޮކްރަސީއެއް ޤާއިމު ކުރެވިފައިވާ އިސްލާމީ ޤައުމަކަށްވާކަމީ ރާއްޖެއިން ފަޚުރުވެރިކަމާއެކު ފާހަގަކުރާކަމެއް ކަމުގައި ވިދާޅުވިއެވެ.
ޢިރާޤުގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޢިރާޤުގެ ރައީސް، ޖަލާލް ޠަލަބާނީގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރެއްވިއެވެ. އަދި ޢިރާޤުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ޢިރާޤުގެ މިހާރުގެ ސިޔާސީ މަސްރަޙުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. ޢިރާޤުގެ މިހާރުގެ ސަރުކާރުގެ އަމާޒަކީ، އޭޝިޔާއާއި، އިސްލާމީ ޤައުމުތަކާއެކު އިތުރަށް ގުޅުން ބަދަހިކުރެއްވުން ކަމަށާއި، އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި، ރާއްޖެއާއި އިރާޤާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.