ބްރެޒިލްގައި ޑެންގީގެ މައްސަލަ ބޮޑު ވުމާ ގުޅިގެން ޑެންގީ ފެތުރޭ މަދިރިތައް ނައްތާލުމަށް ޓަކައި ޖެނެޓިކަލީ މޮޑިފައިޑް މަދިރިތަކެއް ދޫކޮށްފި އެވެ.

ބްރެޒިލްގެ ސިޓީއެއް ކަމަށްވާ ޕިރަސިސާބާގައި އެތައް މިލިއަނެއްހާ މޮޑިފައި ކޮށްފައިވާ މަދިރިތަކެއް ލޯންޗް ކޮށްފައިވާ އިރު ފްލޮރިޑާގައިވެސް އެފަދަ މަދިރިތަކެއް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޖެނެޓިކަލީ މޮޑިފައި ކޮށްފައިވާ ހުރިހާ މަދިރިތަކަކީ ފިރިހެން މަދިރިތަކެކެވެ. އަދި އަންހެން މަދިރިތަކާއި އެ މޮޑިފައިކޮށްފައިވާ މަދިރިތައް "މޭޓް" ކުރުމުން އަންހެން މަދިރިތައް އޭގެ ބިސްތަކަށް ހާއްސަ ޖީންއެއް ފާސް ކުރެ އެވެ. އެ ޖީންގެ ސަބަބުން މަދިރީގެ ލާވޭ ބޮޑުވުމުގެ ކުރިން މަރުވެ އެވެ.

ބްރެޒިލްގެ ބަލިތައް ކޮންޓްރޯލް ކުރާ ތަންތަނުން ބުނާގޮތުގައި އެ ފަދަ ކަމެއް ކުރުމުގެ މަގްސަދަކީ މޮޑިފައި ކޮށްފައިވާ މަދިރިތައް ދޫކޮށްލުމަށް ފަހު، ޑެންގީ ފަތުރާ މަދިރިތަކުގެ އާބާދީ މަދު ކުރަމުން ގޮސް ހުސްކޮށްލުމަށް ކަމަށެވެ.

ރިސާޗަރުން ވަނީ އެ އަވަށުގައި ކުރިން ހެދި ދިރާސާއެއްގެ ނަތީޖާ ބަލާފަ އެވެ. އޭގެން ދައްކާ ގޮތުން، މޮޑިފައިކޮށްފައިވާ މަދިރީގެ ސަބަބުން 50 ޕަސެންޓް ލާވޭ މަރުވާ ކަމަށެވެ. އެހެން ކަމުން އެ ޕްރޮޖެކްޓަކީ 50 ޕަސެންޓް މަސައްކަތް ކުރާ ޕްރޮޖެކްޓެއް ކަމަށް ރިސާޗަރުން ބުންޏެވެ.

ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އެ މަދިރިތަކުގެ ސަބަބުން މިހާރު ޕިރަސިސާބާގައި ޑެންގީ ފަތުރާ މަދިރީގެ އާބާދީ 95 އިންސައްތަ އަށް ކުޑަ ވެފައިވާ ކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ.