އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކަށް މިހާތަނަށް 38773 މީހުން ޒަކާތް ދައްކާފައިވާ އިރު 1.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީ އިން ސަން އާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާ އިރު އެ މިނިސްޓްރީގެ ކައުންސިލްތަކަށް އެންމެ ގިނައިން މީހުން ޒަކާތްދައްކާފައި ވަނީ އާދައިގެ ހަނޑުލުންނެވެ. އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަން ޖެހޭ އަދަދަކީ 12 ރުފިޔާ އެވެ. މިހާތަނަށް މިނިސްޓްރީގެ ކައުންޓަރުތަކަށް 23598 މީހުން ވަނީ އާދައިގެ ހަނޑުލުގެ ގޮތުގައި 280،000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ދައްކާފަ އެވެ.

ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 50 ރުފިޔާ ދައްކަން ޖެހޭ އިރު މިހާތަނަށް ކައުންޓަރުތަކަށް ޒަކާތްދައްކާފައި ވަނީ 2742 މީހުންނެވެ. އެއީ 137،000 ރުފިޔާ އެވެ.

ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 75 ރުފިޔާ ދައްކަންޖެހޭ އިރު 12433 މީހުން ވަނީ މިނިސްޓުރީގެ ކައުންޓަރުތަކަށް ފައިސާ ދައްކާފަ އެވެ. އެއީ 932،000 ރުފިޔާ އެވެ.

ޒަކާތުގެ އިތުރުން ސޮދަގާތުގެ ގޮތުގައި 12265 ރުފިޔާ ވަނީ ލިބިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު ސަން އަށް ވިދާޅުވީ ކައުންޓަރަށް ފައިސާ ދައްކާ މީހުންނަށް ވުރެ އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދައްކާ ފަރާތްތަކުގެ އަދަދު އިތުރު ކަމަށެވެ. ނަމަވެސް އޭގެ ތަފާސް ހިސާބް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ދިރާގުން ޒަކާތް ދެއްކުމަށް ގުޅަން ޖެހޭ ނަމްބަރަކީ #123* އެވެ. އުރީދޫ އިން ޒަކާތް ދެއްކުމަށް ގުޅަންޖެހެނީ #909* އެވެ.

ފިތުރު ޒަކާތް ބަލައި ގަންނަ އެންމެ ފަހުގެ ތާރީހަކީ މިމަހު 14 ވަނަ ދުވަހު އެވެ. ބެންކްތަކާއި ކައުންސިލްތަކުން ވެސް ދަނީ ޒަކާތް ބަލައިގަންނަމުންނެވެ.