އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާ އަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދޭ އިސްލާހުގެ އިތުރުން ފުލުހުން ހިފަހައްޓާފައިވާ އެއްގަމު އުޅަނދު ފަހަރުގެ ލައިސަންސް ޖޫރިމަނާ މައާފުކޮށްދޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު އަލުން ދިރާސާ ކުރަން ކޮމިޓީއަށް އަނބުރާ ފޮނުވާލަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ހުށަހެޅުއްވި އިސްލާހު ދިރާސާކޮށް އިގުތިސާދީ ކޮމިޓީން ނިންމެވި ރިޕޯޓަށް ބަހުސް ކުރައްވަމުން ނިހާނު ވިދާޅުވީ އެއްގަމު އުޅަނދު ފަހަރު ބޭނުން ކުރުމުގައި ދިވެހި ޒުވާނުން ހުންނަ ފޯރި ވަރަށް ރަނގަޅަށް އެންމެނަށް ވެސް އެނގިގެން ދާނެ ކަމަށެވެ.

"ޒުވާނުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ދެއްވި ޔަގީން ކަމެއް ކިޔާ ދެއްވި ނުކުތާއެއް އަޅުގަނޑުމެންނަށް [ޕީޕީއެމް ޕީޖީ ގުރޫޕަށް] ހަނދާނުން ކައްސާލާފައިވާ ނުކުތާއެއް އެއީ. އެހެންނަމަވެސް މެމްބަރުންނަށް އެކަން ފާހަގަކުރެއްވިގެން އަޅުގަނޑާ ހަމައަށް އެކަން ގެނެސްދެއްވި. އެއީ ޕާކު ކުރުމުގެ އޮންނަ ޖޫރިމަނާގެ އިތުރަށް ލައިސަންސް ހިފެހެއްޓުމުގެ ސަބަބުން އޮންނަ ޖޫރިމަނާ ހިމެނުމުން ނޫނީ އޭގެ ފުރިހަމަ ކަމެއް ދިވެހި ޒުވާނުންނަކަށް ނާންނާނެ،"

އޭނާ ވިދާޅުވީ އިގުތިސާދީ ގޮތުން އެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ދިރާސާކޮށް ނިންމަވާފައިވާ ގޮތަށް ފުރިހަމަ އަށް އިހުތިރާމު ކުރާ ކަމަށެވެ. އެހެންނަމަވެސް ލައިސަންސް ހިފަހައްޓާފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ޖޫރިމަނާ ވެސް މައާފުވާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް އަނބުރާ ކޮމިޓީ ރިޕޯޓު ކޮމިޓީއަށް ފޮނުވާލަން ހުށަހަޅާ ކަމަށް ނިހާނު ވިދާޅުވި އެވެ.

"ކޮމިޓީ ރިޕޯޓު އެގޮތަށް އައި ނަމަވެސް އަޅުގަނޑުމެން [ޕީޕީއެމް] ޕީޖީ ގުރޫޕަށް ފާހަގަކުރެވުނު ނުކުތާއެއް އެބައޮތް. މި އިސްލާހު ކޮމިޓީން ނިންމާފައިވާ އޮތް ރިޕޯޓު އަޅުގަނޑަށް ހަމަ ގަބޫލު ކުރެވޭ އަނބުރާ ކޮމިޓީއަށް ފޮނުވާލަން ޖެހޭ ކަމަށް،" ނިހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާހު ފާސްވެ ގާނޫނަށް އަމަލު ކުރި ކަމުގައި ވިއަސް ބޭނުންހާތާކު ބޭނުންހާ ގޮތަކަށް ޕާކު ކުރުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށެވެ. ނިހާނު ވިދާޅުވީ ނުބައި ބޭނުންހާ ތާކު ޕާކު ކުރުން ވެސް މަނާ ވާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނި ކުރުމުގެ އިހުތިޔާރު ވެސް ލިބިގެން ދާނެ ކަމަށެވެ.

ސަރުކާރުން ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކް ކުރުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި އެގާނޫނަށް އަމަލުކުރަން ފެށުމުގެ ނިޔަލަށް ދައްކާފައިނުވާ ފައިސާ މިގާނޫނަށް އަމަލު ކުރަން ފެށުމާ އެކު މައާފު ވާނެ ކަމަށެވެ.

އެހެން ކަމުން އެ ގާނޫނު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު، ގަވައިދާ ހިލާފަށް ޕާކް ކުރުމުން މިހާރު ކޮށްފައި ހުރި ޖޫރިމަނާތައް މައާފުވެގެންދާނެ އެވެ.

އެއްގަމު ދުއްވާ އުޅަނދެއް ޕާކްކޮށްފައި މެދުކެނޑުމެއް ނެތި ބޭއްވޭނީ ހަތް ދުވަހަށް ކަމަށާއި އޭގެ އިތުރަށް ބާއްވާ ނަމަ ފުލުހުން އެ ވެހިކަލެއް ޓޯ ކުރުމުގެ ބާރު އަލަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ލިބިގެންވެ އެވެ. އެއުޅަދެއް ނެގުމަށް ފަހު ގެންދިއުމަށް ވެރިފަރާތަށް މުއްދަތު ދިނުމަށް ފަހު އެ އުޅަދެއް ނުގެންގޮސްފި ނަމަ އެއުޅަދެއް ނައްތާލުމާއި ވިއްކާލުމުގެ ބާރު ވެސް ކަމާ ބެހޭ ފަރާތްތަކަށް އަލަށް ހުށަހެޅި އިސްލާހުތަކުން ލިބިގެންވެ އެވެ.

އަލަށް ހުށަހެޅި އިސްލާހުތަކުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުން ކުރާ ހާއްސަ އުޅަނދުތައް އިސްތިސްނާވެ ކަމަށެވެ. އެފަދަ އުޅަނދުތަކަށް އަހަރީ ފީ ދައްކާކަށް ވެސް ނުޖެހެ އެވެ.