ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް ބޮޑެތި ބަދަލުތަކެއް ގެނެއުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.

އެ އިސްލާހު އެގޮތަށް ފާސްވީ 38 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 16 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި އެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ޔުނިވާސިޓީގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޔުނިވާސިޓީގެ ކައުންސިލުގައި މަގާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ހަތަރު މެމްބަރުން ތިއްބަވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރުން ވެސް އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވަ އެވެ. ހަމަ އެއާ އެކު އިންތިހާބު ކުރާ ހަތަރު މެމްބަރުން ހިމެނުމަށް ވެސް ރިފާއު ވަނީ އިސްލާހު ހުށަހަޅާފައި އެވެ.

ގައުމީ ތަރައްގީ ކޮމިޓީން ދިރާސާ ކުރި އެ އިސްލާހު ކޮމިޓީން ފާސްކުރި ފަހުން ވެސް ވަނީ ދެ އިސްލާހެއް ހުށަހަޅާފައި އެވެ. އެ ދެ އިސްލާހު ވެސް މިއަދުގެ ޖަލްސާގައި ވަނީ ފާސްކުރައްވާފައި އެވެ.

ގާނޫނުގައި މިހާރު ބުނެފައިވާ ގޮތް:

  • މަގާމުގެ ހައިސިއްޔަތުން ހިމެނޭ ދެ މެމްބަރުން
  • ތައުލީމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ވަޒީރަކު އައްޔަން ކުރާ 8 މެމްބަރުން
  • އިންތިހާބު ކުރާ 8 މެމްބަރުން
  • ކައުންސިލަށް ފެންނަ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކައުންސިލުން އައްޔަންކުރާ އެކަކު

ރިފާއު ވަނީ ޖިނާއި ހައްދެއް ނުވަތަ ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެ ދިޔަ ވޭތުވެ ދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ކައުންސިލަށް ކުރިމަތިލެވޭނެ ކަމަށް ބުނެފައިވާ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައި އެވެ.

އެ މާއްދާ ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް އައްޔަން ނުކުރެވޭނެ ކަމަށެވެ.

މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންނަކީ:

  • ޔުނިވާސިޓީގެ ޗާންސެލާ
  • ޔުނިވާސިޓީގެ ވައިސް ޗާންސެލާ
  • ޑެޕިއުޓީ ވައިސް ޗާންސެލާ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް )
  • ޑެޕިއުޓީ ވައިސް ޗާންސެލާ (ރިސާޗު އެންޑު އިނޮވޭޝަން )

ރިފާއު ވިދާޅުވީ ޔުނިވާސިޓީގެ ގާނޫނަށް އެފަދަ އިސްލާހުތަކެއް އޭނާ ހުށަހެޅުއްވީ ޔުނިވާސިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ގައުމީ ޔުނިވާސިޓީއާ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިސްލާމިކް ޔުނިވާސިޓީ އަކީ ދައުލަތުގެ ދެ ޔުނިވާސިޓީ ކަމަށް ވާތީ އެ ދެ ޔުނިވާސިޓީގެ ހިންގުމުގެ އޮނިގަނޑު އެއްގޮތަށް ބަދަލު ކުރުމަށްޓަކައި ކަމަށެވެ.