08 Jul 2015, 13:58
ކެއްކުމުގެ މުބާރާތެއް ހިމެނޭ ގޮތަށް އިންޑިއާގެ ކާބޯތަކެތީގެ ފެސްޓިވަލެއް މިއަދު އިފްތިތާޙު ކޮށްފި އެވެ.
އިންޑިއާ ހައިކޮމިޝަނާއި ގައުމީ ޔުނިވަސިޓީއާއި ހޮޓެލް ޖެން ގުޅިގެން އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ފެސްޓިވަލްގައި އޮންނާނީ މައިގަނޑު ތިން ހަރަކާތެއް ކަމަށް ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ މިއަދު ވިދާޅުވި އެވެ.
"...މިއީ ވަރަށް ތަފާތު ގޮތަކަށް ކުރިއަށްދާނެ ކަމެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ދިވެހިން މިކަމުގައި ބައިވެރިވާން،" ފެސްޓިވަލާއި ބެހޭ މައުލޫމާތު ދެއްވުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވި އެވެ.
ފެސްޓިވަލުގައި ހިމަނައިގެން "އިންޑިއަން ސްޕައިސް ރޫޓް ޗެލެންޖް"ގެ ނަމުގައި ކުރިއަށް ގެންދާ މުބާރާތުގައި ހަތަރު ބުރެއް އޮންނާނެ އެވެ. އެގޮތުން ފުރަތަމަ ބުރުގައި ބައިވެރިން ޖެހޭނީ އިންޑިއާގެ ކެއުމެއް ތައްޔާރުކުރާ މަންޒަރު ދައްކުވައިދޭ ފަސް މިނެޓަށް ވުރެ ދުގުނޫން ވީޑިއޯއެއް ހުށަހަޅާށެވެ. އެގޮތުން ވީޑިއޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ. ވީޑިއޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވައިލެވޭ 10 ބައިވެރިއަކު އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓްއަރިޒަމް ސްޓަޑީޒްގެ ބަދިގޭގައި އޮންނަ ސެމީ ފައިނަލެއްގައި ބައިވެރިވާނެ އެވެ. އަދި އެތަނުން ހޮވައިލެވޭ ހަތަރު ބައިވެރިއަކު ހޮޓެލް ޖެންގައި ކައްކާނެ އެވެ. އެ ކެއްކުންތަކަށް ބައިނަލްއަގުވާމީ ޝެފުން އިންސާފު ކުރައްވާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ. އެމުބާރާތަށް ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ. އެގޮތުން މުބާރާތުގެ އެއްވަނައަށް ދާ މީހަކަށް އެއާ އިންޑިއާ އިން ދެމީހަކު ދަތުރުކުރުމަށް ޓިކެޓް ލިބޭނެ އެވެ. އަދި ހޮޓެލް ޖެންގައި ފްރައިޑޭ އިންޑިއަން ބުފޭ އިން ހަމީހަކަށް ކާން ދިނުމުގެ ވައުޗާ ލިބޭނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ. ދެވަނަ އަށް ދާ މީހަކަށް ތާޖް އެގްޒޯޓިކާ ރިޒޯޓްގައި ހަފުތާ ބަންދުގައި ޗުއްޓީ ހޭދަކޮށްލުމަށް ދެމީހެއްގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ފެސްޓިވަލުގައި އޮންނަ ދެވަނަ ހަރަކާތަކީ "ބޮލީފުޑް ފެއާ"ގެ ނަމުގައި ހޮޓެލް ޖެންގައި ބާއްވާ ހާއްސަ ބުފޭ އެކެވެ. އެ ބުފޭއިން އިންޑިއާގެ ގިނަ ބާވަތްތަކެއްގެ ކާނާގެ ބާވަތްތައް ލިބެން ހުންނާނެ އެވެ.
ތިން ވަނަ ހަރަކާތަކީ "ކިޗަން ކިލާޅީ"ގެ ނަމުގައި ބާއްވާ ކައްކަން ދަސްކޮށްދިނުމުގެ ވޯކްޝޮޕެކެވެ. އެވޯކްޝޮޕްގައި މައުލޫމާތު ދެއްވާނީ އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޝެފުންނެވެ.