08 Jul 2015, 14:01
ގައުމު ކުރިއަރައި ދިއުމުގައި ސިކުނޑިތަކުން އެކަށޭނާ ޖާގަ ހަދައިދޭ އެންމެ މުހިންމު ބައިވެރިންނަކީ ލިޔުންތެރިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ލިޔުންތެރިންގެ ދުވަހުގެ މުނާއްސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ މުޖުތަމައަށް އަންނަން ހުރި ގޮންޖެހުންތަކާއި ގައުމުގެ ތަރައްގީގެ ދުވެލީގެ ރަނގަޅު މިސްރާބުތައް ހޯދައިދޭ ބަޔަކީ ލިޔުންތެރިން ކަމަށެވެ. އެހެންކަމުން ލިޔުންތެރިންނަކީ ވަރަށް މުހިންމު ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ލިޔުންތެރިކަމަކީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދޭ ވާފަށް. ލިޔުންތެރިކަމަކީ ފަރުދުންގެ މުނިފޫހިފިލުވުމުގެ ވަސީލަތް. ލިޔުންތެރިކަމަކީ ވިސްނަން ދަސްކޮށްދީ، ވިސްނުން ތަރައްގީކޮށްދޭ މުދައްރިސް. އަދި ލިޔުންތެރިކަމަކީ މުޖުތަމައުގެ އަޚުލާޤް ބައްޓަންކުރާ މައި ވަސީލަތްތައް." އެޑިއުކޭޝަން މިނިސްޓަރުގެ ހިތާބުގައި ވިދާޅުވި އެވެ.
ގައުމުގެ މާޒީ އާއި މުސްތަގުބަލް އަމާނާތްތެރިކަމާ އެކު ދައްކައި ދިނުމަކީ އަދުގެ ލިޔުންތެރިން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ.
އަދި އިލްމީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް ހިފެހެއްޓުމަށް ދިވެހި ލިޔުންތެރިންނަށް މިނިސްޓަރު ޝިހާމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
" ބަވަނަ ވަންތަކަމަށް ހުޅުވިފައިވާ އަދުގެ ދިވެހިރާއްޖެ އަކީ ވެސް އިމެއް މިނެއް ނެތް ގޮވާލުންތަކަށް ހުށަހޮޅިފައިވާ ރާއްޖެއެއް. އެހެންކަމުން މި ފަދަ ފައްތަރެއްގެ މަތިން ގައުމާއިގެން ކުރިއަށް ދިއުމުގައި އިލްމީ މިންގަނޑުތަކާއި ފަންނީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް ނެގެހެއްޓެވުމަށް އަދުގެ މުނާސަބަތުގައި ދިވެހި ލިޔުންތެރިންނަށް އަޅުގަނޑު އިލްތިމާސް ދަންނަވަން." އެޑިއުކޭޝަން މިނިސްޓަރުގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްގީގެ ރޮނގުގައި އިލްމީ ގޮތުންނާއި ފަންނީ ގޮތުން ލިޔުންތެރިކަމުގެ މަންފާ އެންމެ ހެޔޮގޮތުގައި ލިބިގަތުމަށް ވެސް މިނިސްޓަރު ޝިހާމް ވަނީ ލިޔުންތެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.
ތާރީހު އިއާދަވަމުން ފެންނަމުން އައިސްފައި ވަނީ ލިޔުންތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ މިނިސްޓަރު ޝިހާމް ވަނީ ހުރިހާ ލިޔުންތެރިންނަށް ޝުކުރުދަންނަވާފަ އެވެ.
"މިއަދާ މުނާސަބުވާ ޙައްޤު ޝުކުރުތައް، އަދުގެ ލިޔުންތެރިންނަށާއި މާޒީގެ ޚިދުމަތްތެރިންނަށް އަރިސްކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް." މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ.
ލިޔުންތެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަންފެށީ 8 ޖުލައި 1993 ވަނަ އަހަރު އެވެ. އެދުވަސް ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފަށާފައި ވަނީ ދިވެހި ފުރަތަމަ ނެރެވުނީ މަޖައްލާ "އަލްއިޞްލާޙް" އެ ތާރީޚުގައި ނެރެފައިވާތީ އެވެ. ލިޔުންތެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރާތާ މިއީ 22 ވަނަ އަހަރެވެ.