08 Jul 2015, 13:20
ޓެރަރިޒަމްގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ވަނީ ބަހުސް ވެސް ކުރައްވާފައި އެވެ. އަދި ބައެއް މެމްބަރުން އެ އިސްލާހަށް ތާއީދުކޮށް ވަނީ ވާހަކަފުޅު ވެސް ދައްކަވާފައި އެވެ.
ނަމަވެސް މިއަދުގެ ޖަލްސާ ހުސްވަގުތު ކޮޅަށް މެދުކަނޑާލުމަށް ފަހު ބޭއްވި ދެވަނަ ދަންފަޅީގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ އެ އިސްލާހު އަނބުރާ ގެންދަވާފައިވާ ކަމަށް ލިޔުމަކުން މަޖިލީހުގެ ރައީސަށް އަންގަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލާ މީހުންނަށް އެ އިސްލާހު ނުހިނގާނެ އެވެ. ސަބަބަކީ ރައީސާއި މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވުމުންނެވެ. އެ ޝަރުތުތަކަށް އިސްލާހު ގެނެވޭނީ ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިގެންނެވެ.
ޓެރަރިޒަމްގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވުމުން އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ހަތަރު މާއްދާއެއް ބާތިލްވާނެ އެވެ. އެ ހަތަރު މާއްދާއަކީ އަތޮޅު ކައުންސިލަށް ކުރިމަތިލާ މީހުންނާއި ރަށު ކައުންސިލަރަށް ކުރިމަތިލާ މީހުންނާއި ސިޓީ ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތު ކަނޑައެޅުމުގެ މާއްދާތަކެވެ.
އާމިރުގެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުގެ އިންތިހާބަށް ވާދަ ކުރުމުގެ ޝަރުތުތަކަކީ:
ޓެރަރިޒަމްގެ ކުށެއް ކުރިކަން ސާބިތުވެފައިނުވުން
- ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން
- 10،000 ރުފިޔާ އަށް ވުރެ މަތީ އަދަދެއްގެ ފައިސާގެ ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން
- ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ބޭރު ގައުމެއްގެ މީހަކު ދިވެހި ރައްޔިތަކަށްވީތާ ފަސް އަހަރުވެފައިވުން
- ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހުންކިބައިގައި ފުރިހަމަ ވާންޖެހޭނެ ކަމަށް އެ ގާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައްފުރިހަމަވާ ނަމަ އެ މަގާމުތަކަށް ކުރިމަތިލެވޭނެ އެވެ.
އާމިރު ހުށަހެޅުއްވި އިސްލާހު ހިނގާނީ ކައުންސިލަރުންގެ މަގާމަށް ކުރިމަތިލާ މީހުންގެ މައްޗަށެވެ.
ބިލް ހުށަހެޅުއްވި އާމިރު "ސަން"އަށް ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ އިންތިހާބުތަކަށް ވާދަ ކުރާ މީހުންގެ ޝަރުތުތައް އެއް ގާނޫނަކަށް ގެނައުމުގެ ބޭނުމުގައި ހުށަހެޅުއްވި ބިލެއް ކަމަށެވެ. އަދި ފައިސާއިން ހިޔާނަތްތެރިވެއްޖެ ނަމަ، ވަކި މިންވަރަކަށް ވުރެ ބޮޑުވެއްޖެ ނަމަ އެ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ހުށަހެޅުއްވި ބިލެއް ކަމަށް ވިދާޅުވި އެވެ.
"މި ސާލަކަށް ރަށު ކަތީބު، ބަޔަކަށް ކާށި ބެހިއިރުގައި މާ ގިނައިން ބަޔަކަށް ކާށި ބެހުމުން ކުށްވެރިވުމުން، އޭނާ އަށް އިންތިހާބުގައި ވާދަ ނުކުރެވިފައި އެބަހުރި. އެހެންކަމުން އެފަދަ ކުދި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވެސް އަލުން އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް ހުށަހެޅި އިސްލާހެއް މިއީ،" އެމްޑީއޭގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާ ކުރައްވާ އާމިރު ވިދާޅުވި އެވެ.