އުއްތުރާ ޕްރަދޭޝް (ޖުލައި 8): އިންޑިޔާގެ އަންހެނެއްގެ ގައިގާ އެގައުމުގެ ފުލުހުންގެ ބަޔަކު އަލިފާން ރޯކުރުމުގެ ސަބަބުން އެއަންހެންމީހާ މަރުވެއްޖެ އެވެ.

ނީޓޫ ޑޮވީޑީ ނަމަކަށްކިޔާ އުމުރުން 40 އަހަރުގެ މިއަންހެންމީހާ އަލިފާނުން ވަރަށް ބޮޑަށްފިހިފައިވަނިކޮށް އެމީހާ ބުނެފައި ވަނީ އޭނާ ފިހުނީ އުއްތުރާ ޕްރަދޭޝްގެ ފުލުހުންގެ ދެމީހަކު އޭނާގެ ހަށިގަނޑުގައި އަލިފާން ރޯކުރުމުން ކަމަށާ އެދެ ފުލުހުން އެކަންކުރީ އޭނާގެ ކިބައިން ރިޝްވަތަށް އެދުމުން ރިޝްވަތު ދިނުމަށް ދެކޮޅުހެދުމުން އޭނާ މަރާލުމުގެ މަގްސަދުގައި ކަމުގަ އެވެ.

ނީޓޫ ބުނާގޮތުން ޕްރަދޭޝްގެ ފުލުހުންގެ ދެމީހުން އޭނާގެ ކިބައިން ރިޝްވަތުގެ ގޮތުގައި އެއްލައްކަ ރުޕީސް އަށް އެދުނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ އޭނާގެ ފިރިމީހާ ދޫކޮށްދިނުމަށް އެދި ފުލުހުންގެ މަރުކަޒަކަށް ދިޔުމުން ކަމުގަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާގެ ފިރިމީހާ ހުރީ ޖަރީމާއެއްގެ ތަހްގީގްގައި ސުވާލުކުރުމަށް ކަމަށް ވެސް ނީޓޫ ބުނެފައިވެ އެވެ.

އުމުރުން 40 އަހަރުގެ ނީޓޫ ގެ ހަށިގަނޑުގެ 80 އިންސައްތަ ވަނީ ފިހިފަ އެވެ. އޭނާ މަރުވެފައި ވަނީ އުއްތުރާ ޕްރަދޭޝްގެ ވެރިރަށް ލަކްނޫގެ ހޮސްޕިޓަލަކަށް އޭނާ ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު ނީޓޫ ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ ކަމަށާ ނަމަވެސް ވަރަށް އަވަހަށް އޭނާގެ ޙާލުދެރަވެ އަދި އިއްޔެ ހެނދުނު އޭނާ މަރުވެފައިވާ ކަމަށް ލަކްނޫގެ ހޮސްޕިޓަލުން ބުނެ އެވެ. ނީޓޫގެ ދޮށީ ފިރިހެން ދަރިފުޅު މަސައްކަތް ކުރަނީ ނޫސްވެރިކަމުގެ ދާއިރާގަ އެވެ. އޭނާ ވަނީ އޭނާގެ މަންމަގެ މަރުގެ ޙާދިސާ ތަހްގީގްކޮށް އިންސާފު ހޯދައިދިނުމަށް އުއްތުރާ ޕްރަދޭޝްގެ ސަރުކާރަށް ގޮވާލާފަ އެވެ.

މިޙާދިސާއާ ގުޅިގެން މިދެ ފުލުހުންވަނީ މަސައްކަތުން ސަސްޕެންޑް ކޮށްފަ އެވެ. އަދި އުއްތުރާ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަކީލިޝް ޔާދޭވް ވަނީ މިހާދިސާއާ ބެހޭ ޚާއްސަ ތަހްގީގެއް ހިންގުމަށް އޭނާގެ ލޯކަލް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަމުރު ކުރައްވާފަ އެވެ. ނީޓޫގެ ގައިގާ އަލިފާން ރޯކޮށްލިކަމުގެ ތުހުމަތަށް މިދެފުލުހުން ގެންދަނީ އިންކާރު ކުރަމުންނެވެ. އެދެމީހުން ބުނާ ގޮތުން ނީޓޫ މަރުވީ އަމިއްލައަށް މަރުވުމުގެ މަގްސަދުގައި އޭނާގެ ގައިގާ އަލިފާން ރޯކޮށްގެންނެވެ.

އިންޑިޔާގެ އުއްތުރާ ޕްރަދޭޝްގެ ފުލުހުންގެ މައްޗަށް މިދިޔަ ޖޫން މަހުވެސް ވަނީ މިފަދަ ޖަރީމާއެއް ހިންގި ކަމަށް ތުހުމަތު ކުރެވިފަ އެވެ. މިޙާދިސާގައި އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ގަގިންދްރަސިންގް ވަނީ އުއްތުރާ ޕްރަދޭޝްގެ ޝާހްޖަހާންޕޫރު ސަރަހައްދުގެ ފުލުހުން އޭނާގެ ގައިގާ އަލިފާން ޖެއްސި ކަމަށް ބުނެފަ އެވެ. މިހާދިސާ ވެސް ގެންދަނީ ތަހްގީގް ކުރަމުންނެވެ. (ބީބީސީ)