08 Jul 2015, 13:01
މައްކާ (ޖުލައި 8): މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ފަނަރާގައި 14 މިލިޔަނަށް ވުރެ ގިނަ އުމުރާވެރިންނާއި ނަމާދު ކުރާމީހުން މާތްވެގެންވާ މައްކާއަށް ޒިޔާރަތް ކޮށްފައިވާކަން ސައޫދީ ސަރުކާރުން ހާމަކޮށްފި އެވެ.
ސައޫދީ އަރަބިޔާގެ ހައްޖުގެ ކަންތައްތަކާ ބެހޭ މަރުކަޒީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ސަލާޙް އައްސަގްރު ވިދާޅުވީ ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ގޮތުން ނަގަމުންދާ ތަފާސްހިސާބުތަކަށް ބަލާއިރު މިރަމަޟާން މަހުގެ 16 ވަނަ ދުވަހާހަމައަށް 14 މިލިއަނަށް ވުރެ ގިނަމީހުން އުމްރާގެ އަޅުކަން އަދާކުރުމަށާއި މައްކާގެ ޙަރަމްފުޅުގައި ނަމާދުކުރުމަށް ޓަކައި ސައޫދީ އަރަބިޔާގެ އެތެރެއިންނާއި ބޭރުން މައްކާއަށް ޒިޔާރަތްކޮށްފައިވާކަން ހާމަވާކަމަށާ މީގެތެރެއިން ފަސް މިލިޔަން މީހުންނަކީ ބޭރުގައުމުތަކުގެ މުސްލިމުން ކަމުގަ އެވެ.
ބޭރު ގައުމުތަކުން މައްކާއަށް ޒިޔާރަތްކުރާ މީހުންނަކީ އުމްރާގެ އަޅުކަން އަދާކުރުމަށާއި މައްކާގެ ޙަރަމްފުޅުގައި ނަމާދުކުރުމަށް ޒިޔާރަތް ކުރާމީހުން ކަމަށްވާއިރު ސައޫދީ އަރަބިޔާގެ އެތެރެއިން މައްކާގެ ހަރަމްފުޅަށް ދާ ގިނަ މީހުންނަކީ އާންމުގޮތެއްގައި ނަމާދުކުރުމަށް އެހަރަމްފުޅަށް ޒިޔާރަތް ކުރާމީހުންނެވެ. މިއީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ މައްކާއަށް ޒިޔާރަތް ކުރިމީހުންގެ އަދަދާ އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެއްކަން ވެސް ސަގްރު ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފަހު ފަނަރާގައި މިއަށްވުރެ ގިނަ އުމުރާވެރިންނާއި ނަމާދު ކުރާމީހުން މައްކާގެ ހަރަމްފުޅަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ސަގްރު ވިދާޅުވި އެވެ. ހައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ މިނިސްޓްރީގެ ތަފާސް ހިސާބުތައް ބުނާގޮތުން އުމުރާގެ އަޅުކަމަށް މައްކާއަށް ޒިޔާރަތްކުރި ބޭރުގައުމުތަކުގެ ފަސް މިލިއަން މީހުންގެ ތެރެއިން 3.7 މިލިއަން މީހުން ސައޫދީ އަށް އައިސްފައިވަނީ އެގައުމުގެ އެންމެ ބޮޑުއެއަޕޯޓްކަމަށްވާ ޖިއްދާ އެއަރޕޯޓުންނެވެ. އަނެއް 1.3 މިލިޔަން މީހުން އައިސްފައިވަނީ މަދީނާ އެއަރޕޯޓުންނާއި އެނޫން އެއަރޕޯޓްތަކުންނާ އަދި ކަނޑުގެ ބަނަދަރުތަކުންނާ އަދި ސަރަހައްދި ރޮނގު ހުރަސްކޮށް އެއްގަމު މަގުންނެވެ. (ސައޫދީ މީޑިޔާ)