08 Jul 2015, 13:04
ރާއްޖޭން މަސް އެކްސްޕޯޓް ކުރާ މާކެޓްތައް އިތުރުކުރުމަށާއި ރޯމަހުގެ ބަދަލުގައި މަހުން ތަފާތު ޕްރޮޑެކްޓްތައް ހެދުމަށް ފަހު އެކްސްޕޯޓްކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
'ސަން' އާ ވާހަކަ ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ މަހުން ރާއްޖެ އަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަަމަށެވެ.
"ސަރުކާރުގެ ޓާގެޓަކީ ރާއްޖޭން މަސް ގަނޑުމަހުގެ ގޮތުގައި ބޭރުނުކޮށް ކޮންމެވެސް ވަރަކަށް ވެލިއުއެޑްކޮށްގެން، އޭގެ މާނައަކީ ދަޅަށް އަޅައިގެން ވެސް އަދި އެހެން ގޮތްގޮތަށް ބަދަލުކޮށްގެން ނަމަވެސް ވިއްކުން،" ޝައިނީ ވިދާޅުވި އެވެ.
މަހުގެ ތަފާތު ޕްރޮޑެކްޓްސްތައް އުފެއްދުމަށް ފަހު އެ ބާވަތްތައް އެކްސްޕޯޓްކުުރުމުން ކުޑަ މަސްކޮޅަކުން ބޮޑު ނަފާ ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއާއެކު ތަފާތު ޕްރޮޑެކްޓްސްތައް އުފައްދާ ކަމަށްވަންޏާ އޭގެ ސަބަބުން ވަޒީފާ ފުރުސަތު ވެސް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭން މަސް އެކްސްޕޯޓްކުރާ މާކެޓްތައް އިތުރުކުރުމުގެ ގޮތުން ފިޝަރީޒް ޕްރޮމޯޝަން ބޯޑުން އެކި ގައުމުތަކުގައި އޮންނަ ފެއާތަކުގައި ބައިވެރިވަމުންދާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
އެގޮތުން މިއަހަރު ފިޝަރީޒް މިނިސްޓްރީންނާއި ރާއްޖޭގެ މަސްކުންފުނިތަކުން ވަނީ އެމެރިކާގެ ބޮސްޓަންގައި އޮތް ސީފުޑް ފެއާގައި ބައިވެރިވެފަ އެވެ. އަދި ޗައިނާގެ ކުންމިން ފެއާގައި ވެސް ވަނީ މަހުގެ ބާވަތްތައް ޕްރޮމޯޓްކުރުމަށް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި އޮތް މަސްވެރިކަމާއި ބެހޭ ފެއާއެއްގައި ވެސް ވަނީ ބައިވެރިވެފަ އެވެ.
"މިއަހަރު މަސައްކަތް ކުރަމުން މިދަނީ ރަޝިއާ ފެއާގައި އާއި ސްޕެއިންގެ ފެއާގައި ބައިވެރިވެވޭތޯ. މި ހުރިހާ ފެއާތަކުގައި ބައިވެރިވުމުގެ ބޭނުމަކީ އެހެން މާކެޓްތަކަށް ޓޭގެޓްކޮށްގެން އަޅުގަނޑުމެންގެ މަސްތައް ވިއްކުން،" ޝައިނީ ވިދާޅުވި އެވެ.
ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ މިންވަރު އިތުރުވަމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ. އެގޮތުން ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާ ގޮތުން މި އަހަރު ޖެނުއަރީ މަހު އެމެރިކާ އަށް ވަނީ 21.9 މިލިއަން ރުފިޔާގެ މަހުގެ އެކި ބާވަތްތައް އެކްސްޕޯޓް ކޮށްފަ އެވެ.