08 Jul 2015, 12:37
އަތޮޅުތަކުގެ އަމިއްލަ ކުލަބު ޖަމްޢިއްޔާތަކަށް މިއަހަރު މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ބުނެފިއެވެ.
ނެޝަނަލް ޑުރަގު އެޖެންސީއަށް ކުޅިވަރު ސާމާނު ފޮރުކޮށްދިނުމަށް އިއްޔެ މިނސްޓްރީ އޮފް ޔޫތު އެންޑް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ޝައުކަތު ވިދާޅުވީ އަތޮޅުތަކުގެ ކުލަބު ޖަމްޢިއްޔާތަކަށް މިއަހަރުގެ މިހާތަނަށް ދެ މިލިއަން ރުފިޔާގެ އެހީތެރިކަން ފޮރުކޮށްދީފައިވަނީ އަމިއްލަ ޖަމްޢިއްޔާ ކުލަބުތަކަށް ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ އާދައިގެ ޖަމްޢިއްޔާތަކުން ފެށިގެން ގައުމީ ފެންވަރުގައި މަސައްކަތް ކުރާ ޖަމްޢިއްޔާތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާއިފު ވިދާޅުވީ ކުލަބު ޖަމްޢިއްޔާތަކުގެ އިތުރުން އަތޮޅުތަކުގައި ހުރި ކުޅިވަރުގެ އެހެން ކަންކަމަށް މިއަހަރުގެ މިހާތަނަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކުރެވިފައިވާނެ ކަމަށެވެ.
"އަތޮޅު ތަކަށް ބަލައިފިއްޔާ ޔޫތު ސެންޓަރުތަކަށް އެކިއެކި ކަންކަމުގައި ހަ މިލިއަނަށް ވުރެ މައްޗަށް ޚަރަދު ކުރެވިފައިވާނީ. އެއީ މުސާރަޔާ ކުޅިވަރުގެ އެހެނިހެން ޕްރޮގުރާމްތަކާ އެއްކޮށް" ނާއިފު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަދި ޕްރޮޖެކްޓްސްއާއި ކުޅިވަރުގެ އެހެން ވިސީލަތްތައް ގާއިމު ކުރުމަށް ބޮޑު ހޭދައެއް ކުރަމުންދާކަމަށެވެ.
ނާއިފު ވިދަޅުވީ މީގެ ކުރިން ޖަމްޢިްޔަތަކަށް އެހީތެރިކަން ފޯރުކށްދެމުން ގެންދަނީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ކަމަށާއި ނަމަވެސް މިހާރު އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ ސީދާ ޖަމްއިއްޔާތަކަށް ކަމަށެވެ.