06 Mar 2011, 15:12
"ގިނަ އަދަދެެއްގެ ބަޔެއްގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ފަކީރާއި އާއި ދަގަނޑު ބުރިއާއި ވަޅިފަދަ ތޫނު ހަތިޔާރު ބޭނުންކޮށްގެން މިގޮތަށް ޖެހިލުންކުޑަގޮތަކަށް، މިހާ ފާޅުކަން ބޮޑުގޮތެއްގައި މާރާމާރީ ހިންގި މިއީ ފުރަތަމަ ފަހަރު،" މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސެން ކައިރިވެފައިވަނިކޮށް އާޓިފިޝަލް ބީޗުގައި ތިބި ތިން ޒުވާނަކަށް ގްރޫޕަކުން ގޮސް ހަމަލަދީ، ހިންގި މާރާމާރީއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އާއްމުންނަށް ސިހުން ލިބިގެން ދިޔަ އެ މާރާމާރީއާ ގުޅޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އާއްމުންގެ ކުރިމަތީ އެއްވެސް ޖެހިލުމެއް ނެތި އެ މާރާމާރީ ހިންގަމުންދަނީ، މުޅި ސިސްޓަމްތެރޭ އުފެދިފައިވާ "ބާގަނޑުތަކުން" ސަލާމަތްވެވޭނެ ކަމުގެ ޔަގީންކަން އެމީހުންނަށް އޮތުމުން ކަމަށެވެ. އަދި އެ ބާގަނޑުތައް ބަންދުނުކޮށް، އެފަދަ ކުށްކުރާ މީހުން ނުހުއްޓުވޭނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"ފުލުހުންނާއި ސަރުކާރާއި ޤާނޫނުތަކާ މިހުރިހާ ދިމާއަކުން ވެސް ލޫޕްހޯލްތައް ބައްދަންވީ. ނުބައްދައެއް މިކަމެއް ނުވާނެ. އެހެންތަންތާނގައި ވެސް ހުންނަ މިކަހަލަ ކަންތައްތައް ހައްލުކުރަނީ އެންމެން އެކުވެ، މުޖުތަމައުގައި ކުރާ ކަންތައްތަކުން،" އޮފިޝަލު ވިދާޅުވި އެވެ.
އަދި އޮފިޝަލު ވިދާޅުވީ، މާރާމާރީ ހިންގާ ފަރާތްތައް ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާއިރު، ހައްލެއް ނައިސް އެފަދަ ކުށްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މައްސަލައާމެދު ސީރިއަސްކޮށް ވިސްނަންވެއްޖެ ކަމަށެވެ.
"ކިތައް ފަހަރުތޯ ފުލުހުން ގޮސް، މާރާމާރީތަކަށް ތައްޔާރުވާއިރު ދަނޑިބުރިތަކާއި ވަޅިތަކާ އެއްކޮށް ތިއްބާ އެމީހުން )ކުށްވެރިން( އަތުލައިގަންނަނީ. ކިތައްތަނުންތޯ މީހުން ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވަނީ. ބައެއް މީހުން މައްޗަށް ހުކުމްކުރެވެނީ. ކިތައް މައްސަލަތޯ މިދަނީ. އެކަމަކު މިކަންކަމަށް ހައްލެއް ނާދޭ. އެމީހުންނަށް )ކުށްވެރިންނަށް( އެނގޭނެ އެމީހުން ހައްޔަރުކުރާނެކަން. އެމީހުންނަށް އެނގޭނެ އެމީހުންނާމެދު ފުލުހުން ހަރުކަށި ފިޔަވަޅު އަޅާނެކަން. އެކަމަކު އެކަން އެ އެނގޭއިރު ވެސް އެކަންކަން ކުރަން ނުކުންނަން ކެރޭނީ ކިހާ ހިސާބަކަށް މިކަންކަން ދިޔައިމަތާ އަޅެ ވިސްނާލަންވެއްޖެ،" އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ، ގޭންގުތައް ހިންގާ ފަރާތްތަކުން ބޮޑެތި ވިޔަފާރިތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާއިރު އެކަންކަން ހުއްޓުވޭނެ މަގުވެސް ޤާނޫނު ގޮތުން ފަހިވެފައި ނުވާ ކަމަށެވެ.
"މިގޮތަށް ގޭންގު ހަރަކާތްތައް ހިންގާ ފަރާތްތަކުގެ އަމިއްލަ ބިޒްނަޒް އެބަހުރި. އަމިއްލަ ގެ، އަމިއްލަ ކާރު އެބައޮވޭ. އެއްވެސް މަސައްކަތެއް ނުކޮށް މިއެއްޗެއްސާ އެއްޗެހި އަންނަ ގޮތްތަށް ބަލަން ޖެހޭ. މިމީހުން މި މަސައްކަތެއް ނުކޮށް، ފޭރިގަނެގެން މަސްތުވާތެކެތީގެ ވިޔަފާރިކޮށްގެން ހޯދި އެއްޗެހިކަމަށް ސާބިތުވާތަނެއް ނާދޭ،" އޮފިޝަލު ވިދާޅުވި އެވެ. "އެމީހުންގެ ރޮޓޭޓްވާ ފައިސާ ނޫނީ އެކައުޓުތައް ފްރީޒްކޮށް، ޤާނޫނީ އިމުގެ ތެރެއިން އެމީހުންނަށް އެކަންކަން ނުކުރެވޭނެ ގޮތެއް ހަމަޖެހިފައެއް ނެތް އަދި މިހާތަނަށް،" އަދި ވިދާޅުވީ، ބޮޑު މަންޒަރަށް ބަލާއިރު ކުށްވެރިން ބާރުގަދަ ވަނީ ހެއްކާއި ޤާނޫނުތައް ބާރުދެރަވީމަ ކަމަށެވެ.
އަދި އެކަންކަމާ ދޭތެރޭ ފިކުރުކޮށް، އިޖުތިމާއީ ކަންކަން ރަނގަޅުކުރުމުގެ ބަދަލުގައި ގައުމުގެ ހަރުދަނާ ބޭފުޅުން އުޅުއްވަނީ "ސިޔާސީ ކަންކަމުގައި" ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"ފުލުހުންގެ ބެލުމުގެ ދަށަށް މާރާމާރީއެއް ހިންގައިގެން ގެންނަ މީހަކު ވިޔަސް، އެމީހާ ގައިގައި ފުލުހުންނަށް އަތްލެވޭ ގޮތަކުން ވެސް އެމީހާ ޝަކުވާކޮށްފިއްޔާ އެމީހާ ކައިރީ ބަހައްޓައިގެން ސިޔާސީ ފަރާތްތަކުން އަނެއް ދުވަހު މިދެނީ ޕްރެސް ބްރީފިން ސިޔާސީ ބޭނުންތަކަށްޓަކައި،"
ރާއްޖޭގައި ވޭތުވެ ދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ހިންގައިފައިވާ އެކި މާރާމާރީތަކުގައި 16 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކުގައި ދައުވާކުރި މީހުން ވަނީ ކުށް ސާބިތު ނުވެ، ދޫކޮށްލައިފަ އެވެ.