08 Jul 2015, 11:55
މިހާރު މާލެ ކައިރީގައި ބަނދަރުކޮށްފައިވާ ތުރުކީ ކަނޑުގެ ސިފައިންގެ މަނަވަރު "ޓީސީޖީ ޖެޑިޒް" އަށް ޒިޔާރަތްކޮށް އެ މަނަވަރު ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.
ދިއްލީގައި ހުންނަ ތުރުކީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ތުރުކީގެ ހަނގުރާމަމަތީ މަނަވަރެއް ކަމަށްވާ، "އެރުތުގްރުލް" މީގެ 125 އަހަރު ކުރިން ޖަޕާނަށް ކުރި ދަތުރުގެ ހަނދާން އާ ކުރުމުގެ ގޮތުން ކުރަމުން ގެންދާ ދަތުރުގައި މިމަހުގެ 7-11 އަށް މާލޭގައި ބަނދަރުކުރާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ސިފައިންނާ ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދާނޭ ކަމަށެވެ.
ޓީސީޖީ ޖެޑިޒް މާލޭގައި ބަނދަރުގައި އޮން މުއްދަތުގައި އެ މަނަވަރު ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައިވާ ވަގުތު ތަކަކީ ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށެވެ. އަދި މަނަވަރަށް ދާން ބޭނުންވާ ފަރާތްތަކުން މި ތިން ދުވަހުގެ ކަނޑައެޅިފައިވާ ވަގުތު ތަކުގައި މާލޭ 3 ނަންބަރު ޖެޓީއަށް ދިއުމަށް ވެސް އެދިފައިވެ އެވެ.
ޓީސީޖީ ޖެޑިޒްގެ މި ދަތުރުގައި ރާއްޖޭގެ އިތުރުން 14 މަންޒިލަކަށް ދަތުރުކުރުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި، ޖިބޫޓީއާއި ޕާކިސްތާން، އިންޑިއާ، ސްރީ ލަންކާ، މެލޭޝަިއާ، ސިންގަޕޫރު، ޗައިނާ، ދެކުނު ކޮރެއާ، ފިލިޕީންސް، އޮމާން އަދި ސައޫދީ އަރަބިއްޔާ ހިމެނެ އެވެ.