އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. "މީސްތަކުންނަށް ޝުކުރުވެރިނުވާމީހާ، މާތްﷲ އަށް ޝުކުރުވެރިޔެއްނުވެއެވެ." (ސުނަނުއަބީ ދާއޫދު: 4/256) މާނައަކީ އިންސާނުންނަށް ޝުކުރު އަދާނުކުރާމީހާ އަށް މާތްﷲ އަށްވެސް ޝުކުރުވެރިޔެއް ނުވެވޭނެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅުން އެނގޭ ގޮތުގައި އިސްލާމްދީނުގައި އިލާހިއްޔާތާއި އިންސާނިއްޔާތަކީ އެއްކަމެއް އަނެއްކަމަކާ ވަކިކުރެވޭނެ ދެކަންތަކެއްނޫނެވެ. އިސްލާމްދީނުގައި މާތްﷲ އަށް އަޅުކަންކުރުމަކީވެސް އިންސާނީ އަޚްލާޤާ ގުޅިލާމެހިފައިވާ ކަމެކެވެ.

ކީރިތި ޤުރުއާނުން އެނގޭގޮތުގައި ތިމާގެންގުޅޭ ކުދިކުދި ތަކެތި (ހިފައިގެންގުޅޭ ތަކެތި) މީހުން ބޭނުންކޮށްލަން ނުދީ މަނާ ކުރާމީހުންގެ ނަމާދަކީވެސް އެއުރެންނަށް ފަލާހެއް ނުވަތަ ކާމިޔާބީ އެއް ލިބޭ ކަމެއްނޫނެވެ. (އަލްމާޢޫން) އިތުރު ސާހިބާގެ ޙަދީޘުފުޅުގައި ވާރިދުވެފައިވާ ގޮތުގައި ބަހާއި ޢަމަލުން ދޮގުހެދުން ހުއްޓައިނުލާމީހާ ހިފާ ރޯދަޔަކީ ރޯދައެއްނޫނެވެ. (ބުޚާރީ) މުއުމިނުން މީހުންނަށް ޞަދަޤާތްކޮށް ކާންބޯންދީ ހަދަންޖެހޭނީ މާތްﷲ ގެ ވަޖުހުފުޅަށްޓަކައެވެ. އެތަކެތި ލިބިގަންނަ މީހުންގެ ކިބައިން އެއްވެސް ކަހަލަ އުޖޫރައެއް ނުވަތަ ޝުކުރުގެ ބަހެއްވިޔަސް އެދިގެންނެއް ނޫނެވެ. (އަލްއިންސާނު) ކީރިތި ޤުރުއާނުގައި ޙައްޖާ ބެހޭގޮތުން ވަޙީ ކުރައްވައިފައިވާގޮތުގައި ޙައްޖުގެ ތެރޭގައި ފާސިދު ކަންތައްކޮށް އަރާރުންވެއުޅޭ މީހުންނަކަށް ޙައްޖެއް ނުވެއެވެ. (އަލްބަގަރާ)

ޝައްކެތްނެތެވެ. އަޅުކަމާއި އަޚްލާޤާ ގުޅިލާމެހިފައިވުމަކީ ފިތުރަތުގެ އުޞޫލާއެއްގޮތްކަމެކެވެ. އިންސާނާގެ ކޮންމެ ކަމެއްވެސް ޢަމަލީތައްގަނޑަށް ފެތިގެންއަންނަނީ އޭނާގެ ނަފްސިއްޔާތުގެ ތެރެއިންނެވެ. ނަފްސިއްޔާތަކީ ބައިބަޔަށް ބައިއެޅޭ ޒާތުގެ ކަމެއްނޫނެވެ. އިންސާނެއްގެ ކިބައިގައި ޙަޤީޤީ މާނައިގައި އަޅުކަމުގެ ނަފްސިއްޔާތު އުފެދިއްޖެނަމަ އެއާ ވިދިގެން އަޚްލާޤީ ނަފުސިއްޔާތު ނުއުފެދި ދިއުމަކީ ނާމުމްކިންކަމެކެވެ. އެމީހެއްގެ ކިބައިގައި އަޚްލާޤީ ނަފުސިއްޔާތުވެސް އުފެދިފައިވުމަކީ ލާޒިމުކަމެކެވެ. މީހެއްގެ ކިބައިގައި މާތްﷲއަށް އަޅުވެތިކަން އަދާކުރުމުގެ ޖަޒުބާތު އުފެދިއްޖެނަމަ އެއީ އޭނާގެ ކިބައިގައި އިންސާނިއްޔަތަށް ލޯބިކުރުމުގެ ސިފަވެސް ހުރިކަމުގެ ފުރިހަމަ ހެއްކެކެވެ.

އަޅުކަމަކީ އެކިވަގުތުވަގުތުގައި ކޮށްލާ ވަގުތީ އަދި ރަސްމީ ޙަރަކާތްތަކެއްނޫނެވެ. އަޅުކަމަކީ ނުހަނު ފުން ރޫޙާނީ ޢަމަލެކެވެ. މީހެއްގެ ޝަޚްޞިއްޔަތުގައި އަޅުކަމުގެ ރޫޙުއުފެދިއްޖެނަމަ އޭނާގެ މުޅިޒާތުގައި ތަވާޟުޢުވެރިކަމާއި، ތަޤްވާވެރިކަމާއި، ހެޔޮއެދުމާއި، ވިޔާނުދާކަންކަމުން ދުރުވެގަތުމުގެ މިޒާޖުވެސް އުފެދެއެވެ. އަޚްލާޤުގެ އަސްލަކީ މިދެންނެވި ސިފަތަކެވެ. އިޖްތިމާޢީ އުޅުމުގައި މިމަތިވެރި ސިފަތައް ފާޅުވުމަކީ އިންސާނީ ރީތި އަޚްލާގު ފިޔަވައި އެހެންކަމެއްނޫނެވެ.

މާތްﷲ އަށް ޙަޤީޤީ މާނަގައި އަޅުކަންކުރާ މީހުންނަކީ އިންސާނީ ޚިދުމަތްގާރުން ކަމުގައި ނުވެނުދާނެ ބައެކެވެ. އެފަދަ މީހުންގެ އަޚްލާޤާއި، އާދަކާދަޔާއި، ބަސްމޮށުމާއި، އުޅުމާއި ގުޅުމުގައި ހެޔޮލަފާކަމާއި އިންސާނީ ވަންތަކަމުގެ އެސެންސުވާނީ އެކުލެވިފައެވެ. ޝައްކެއްވަސްވާހެއްނެތެވެ. މާތްﷲ ގެ ތެދުވެރި އިޚްލާސްތެރި އަޅުންނަކީ ޙަޤީޤީ މާނައިގައި އިންސާނިއްޔަތަށް ލޯބިކުރާ ބަޔަކަށް ނުވެއެއްނުދާނެއެވެ. މިދެސިފައަކީ އެއްސިފައެއް އަނެއްސިފައަކާ ހާލަކުންފަހަރަކުވިޔަސް ވަކިވާނެ ދެސިފައެއްނޫނެވެ.