އައިޖީއެމްއެޗްގައި އެޑްމިޓްކުރި މާބަނޑު މީހެއްގެ ދަރިފުޅު ބަނޑުތެރެއަށް މަރުވުމުން، އެ ކުއްޖާގެ ކަރުބުރިކޮށްލައިގެން، ބޮލާއި ހަށިގަނޑު ވަކިން ނެގި މައްސަލަ ބަލަމުންދާ ކަމަށާއި އެ ތަހުގީގު ނިމުމުން އިތުރު ތަފްސީލު ދޭނެ ކަމަށް ހެލްތު ކޯޕަރޭޝަނުން ބުނެފި އެވެ.

ފުލުސް އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިހާރު ތަހުގީގުކުރަމުން އަންނަ، މައްސަލައާ ގުޅޭ ގޮތުން ހެލްތު ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ރޭ ވިދާޅުވީ، އެ މައްސަލަ ހެލްތު ކޯޕަރޭޝަނުން ބަލަމުންދާ ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުގެ ފަރާތުން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެ މައްސަލަ ބަލަމުންދާތީ އަދި މީޑިއާގައި އިތުރު އެއްވެސް މައުލޫމާތެއް ނުދެވެނީ. އަޅުގަނޑުމެންގެ ތަހުގީގު ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން އެކަމާ ބެހޭ މައުލޫމާތު ދޭނަން،" ޒީނަތު ވިދާޅުވި އެވެ.

ޒީނަތު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އެ ޕޭޝަންޓްގެ ކޭސް ބެއްލެވި ޑޮކްޓަރުންނާ ވެސް ސުވާލުކުރަމުންދާ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް އެކަމާ ބެހޭ ތަފްސީލު ނެރެވޭތޯ ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ދ. ބަނޑިދުއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މާބަނޑުމީހާ ވިއްސުމަށް މިމަހުގެ ތިން ވަނަ ދުވަހު މަސައްކަތްކުރެއްވީ އައިޖީއެމްއެޗްގެ އަންހެނުންގެ ޑޮކްޓަރު ޑރ. ތަސްނީމް ފާރޫގެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އޭނާއަކީ ތަޖުރިބާކާރު ޑޮކްޓަރެކެވެ. އަދި ގިނަ އަދަދެއްގެ މާބަނޑު އަންހެނުން އެއްވެސް މައްސަލައެއް ނުޖެހި ވަނީ ވިއްސައިފަ އެވެ.
ޑރ.ތަސްނީމްއާއެކު އެ މާބަނޑު މީހާގެ ޑެލިވަރީ ކަންތަކުގައި އިތުރު ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވި ކަމަށް އާއިލާއިން ބުނެ އެވެ.

ނަމަވެސް، އެ އަންހެންމީހާގެ ބަނޑުގައި އޮތް ކުޑަދަރިފުޅު ނުވިއްސި ގިނައިރުވެ، ބަނޑުތެރޭ މަރުވުމުން، އެކުއްޖާ ކަރުބުރިކޮށްލައިގެން ނަގަން ޖެހޭ ހިސާބަށް ހާލަތު ގޮސްފައިވަނީ ހޮސްޕިޓަލުގެ އިހުމާލެއް އޮވެގެން ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ.

އައިޖީއެމްއެޗުން ކުރިން ނެރުނު ޚުލާސާ ބަޔާނެއްގައި ބުނަނީ، ކުޑަދަރިފުޅު ބޯބުރިކޮށްލަން ޖެހުނީ މައިމީހާ ސަލާމަތްކުރުމަށް މަޖުބޫރުވެގެން ކަމަށެވެ.

"... ކުޑަދަރިފުޅުގެ ބޯ ވިހެއުމަށް ފަހު ކޮނޑުތާށިވުމުގެ ސަބަބުން ދަރިފުޅު ވިއްސުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ފަހު ދަރިފުޅު ނުވިއްސިގެން ސިޒޭރިއަން ހެދުމަށްޓަކައި އޮޕަރޭޝަން ތިއޭޓަރަށް ގެންދެވުނެވެ. ސިޒޭރިއަން ހަދައިގެން ވެސް ކުއްޖާ ނުނެގި މައިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މަރުވެފައި އޮތް ދަރިފުޅު ނެގުމަށް ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިކުރަން މަޖުބޫރުވުމުން އާއިލާގެ ފަރާތުން ހުއްދަ ލިބި، މިގޮތަށް ކަންތައް ކުރެވުނެވެ،" އައިޖީއެމްއެޗް މިހާރު ހިންގާ މާލެ ހެލްތު ސާވިސަސް ކޯޕަރޭޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުން ކުރިއަށްގެންދާ ތަހުގީގާ ގުޅޭ ގޮތުން އެ ދެ އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.