ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ މެދު އިތުބާރެއް ނެތް ކަމަށް ވިދާޅުވަނީ ކީއްވެ ކަމާއި، އެކަމުގެ ތަފްސީލީ ހެކި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުންނަށް ދެއްވައިފި އެވެ.

ނައިބު ރައީސް ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަން ހާމަކުރައްވައި އެކަމުގެ ހެކި ރައީސް ޔާމީން ދެއްކެވީ، ޕީޕީއެމް ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މުލީއާގޭގައި މިއަދު ބައްދަލުކުރައްވަ އެވެ. މިއަދު މެންދުރު ފަހު މުލިއާގޭގައި ބޭއްވި އެ ބައްދަލުވުމަކީ ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގު ދެމިގެން ދިޔަ ބައްދަލުވުމެކެވެ.

ނައިބު ރައީސްގެ އިތުބާރު ގެއްލިފައިވާ ސަބަބުތައް ޑޮކިއުމެންޓުތަކާ އެކު ރައީސް ޔާމީން ވަނީ މެމްބަރުންނާ ވާހަކަ ދައްކަވައިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި އެހާ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު މަގާމުން ވަކިކުރަން އުޅުމުން ކޯލިޝަންގެ މަޖިލިސް މެމްބަރުންނަށް ވަރަށް ގިނަ ސުވާލުތަކެއް އަންނާނެ ކަމަށެވެ.

ޕީޕީއެމް އަދި އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުން މީގެކުރުން މުލީއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---- ސަން ފައިލް ފޮޓޯ

އެހެންކަމުން ނައިބު ރައީސްގެ އިތުބާރު ގެއްލުނީ ކީއްވެގެންކަން މަޖިލީސް މެމްބަރުންނަށް އޮޅުންފިލުވައިދިނީ ކަމަށް ރައީސް ޔާމީން މިއަދުގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.

ނައިބު ރައީސް ޖަމީލާ ގުޅޭ ގޮތުން މިހާތަނަށް މީޑިއާއަށް ތިލަވެފައިނުވާ ސިއްރު މައުލޫމާތުތަކެއް ވެސް ރައީސް ޔާމީން މިއަދު ވަނީ، ޕީޕީއެމް ކޯލިޝަންގެ މަޖިލީސް މެމްބަރުންނާ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން "އަނިޔާވެރިކަން ނިންމަން" މިނަމުގައި އިދިކޮޅު ފަރާތްތަކުން މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހާއި އަދި "މޭޑޭ މުޒާހަރާ"ގެ ނަމުގައި މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި ދެ މުޒާރާގެ ކަންތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާ ނައިބު ރައީސާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކެއް ވެސް ރައީސް ޔާމީން ވަނީ ދައްކަވާފަ އެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ ޓުވީޓެއް ކުރައްވާފަ އެވެ.

ޓުވީޓުގައި މުސްތަފާ ވިދާޅުވެފައި ވަނީ ނައިބު ރައީސް ޖަމީލް "ބަޣާވާތް" ކުރަން އުޅުއްވި ކަމުގެ ހެކި އެމަނިކުފާނުގެ ވައިބާ މެސެޖްތަކުން "ޝައްކެތް ނެތް މިންވަރަށް" ރައީސް ޔާމީން މިއަދު ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ސޯޝަލް ކައުންސިލްގެ ހުރިހާ ބާރެއް އެމަނިކުފާނު ވަނީ ނައިބު ރައީސް ޖަމީލަށް ދެއްވާފައި ކަމަށެވެ. އަދި އެކަމުގެ ތަފްސީލު ވެސް ރައީސް ވަނީ ކޯލިޝަންގެ މަޖިލީސް މެމްބަރުންނާ ހިއްސާ ކުރައްވާފަ އެވެ.

ނައިބު ރައީސް ޖަމީލަށް އެހާ ބޮޑު ބާރެއް ދެއްވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.