އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުރި ހއ. ބާރަށް، އުމުރުން 75 އަހަރުގެ އަލީ މުހައްމަދު މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށް ދިޔައީ ހާޖީ ކާޑު ނުލައެވެ. އޭނާ އަކީ ތިން ފަހަރެއްގެ މަތިން އެ އަޅުކަން އަދާކުރަން ގޮސްފައި ހުރި މީހަކަށް ވުމުން އޭނާ ގަބޫލްކުރީ އޭނާ އަށް އެތަނުގައި އުޅެންއެނގޭނެ ކަމަށެވެ. ނަމަވެސް ކަންވީ ދިމާއިދިކޮޅަށެވެ. ހުކުރު ނަމާދަށް ދިޔަ އަލީ ގެއްލުނީ އެވެ. އެކަން ހައްޖު ކޯޕަރޭޝަނަށް ވެސް އެނގުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުން އޭނާ އިއްޔެ ވަނީ ހެޔޮ ހާލުގައި ހުއްޓައި ފެނިފަ އެވެ. އަލީއަށް އެ ދިމާވި ހާދިސާއަކީ އެމާތް އަޅުކަން އަދާ ކުރަންދާ އެހެން ފަރާތްތަކަށް ލިބޭނޭ އިބުރަތެކެވެ.

"އެބޭފުޅާ އަންހެނުން ކައިރީ އެބަބުނޭ ތިމަންނަ ތިން ވަނަ ފަހަރަށޭ މިއައީ ކީއްކުރަންހޭ ކާޑު އަޅަންވީ. ހައްޖުވެރިން މި އުމުރުގައި ހުންނަނީ މިހެން. އެހެންވެ އެކަނިމާއެކަނި ދިޔައީ އަޅުގަނޑުމެން ކައިރީ ނުބުނެ ހުކުރު ނަމާދަށް. އެގޮސް އުޅެނިކޮށް ގެއްލުނީ،" އަލީ ގެއްލުނު ހާދިސާގެ ބަޔާންތައް ނަގާފައިވާ އިރު އެކަން ސަން އާ ހިއްސާ ކުރަމުން ހައްޖު ކޯޕަރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ކަންދިމާކުރިގޮތުން ހުކުރު ދުވަސްވީ ވަރަށް ބައިގިނަ ދުވަހަކަށެވެ. ސިފައިން އެދުވަހު ހަރަމްފުޅުތެރެ ކޮންޓްރޯލް ކުރީ "މުގުރު" ބޭނުންކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން އަލީއަށް ދެވުނު ހިސާބު އަލީއަށް ވެސް ނޭނގުނީ އެވެ. ޖަމާއަތުގެ އެހެން މީހުންނާއި އޭނާއާ ވަކިވީ އެވެ. މިކަމުގައި އަލީއަށް ހެދުނު އެންމެ ބޮޑު ގޯހަކީ ހައްޖު ކޯޕަރޭޝަނުން ދީފައިވާ ކާޑު ނުގެންދެވުމެވެ.

ހައްޖަށާއި އުމްރާއަށް މީހުން ގެންދާ ކޮންމެ ޖަމާއަތަކުން ވެސް ދޫކުރާ އެ ކާޑަކީ އެމީހެއްގެ މައުލޫމާތުތަކާއި ހަވާލުވާނެ ފަރާތްތައް އެނގޭނެ ކާޑެކެވެ. އެހެންކަމުން މީހަކު ގެއްލުނުނަމަވެސް އެކާޑު ސިފައިންނަށާއި ކަމާ ބެހޭ ފަރާތަކަށް ދައްކާލުމުން އެމީހާ އަނބުރާ ހޮޓަލަށް ގެނެސްދޭނެ އެވެ. އެހެންކަމުން ކޮންމެ ތަނަކަށް ދިޔަސް އެ ކާޑު ގެންދިއުން ވަރަށް މުހިންމެވެ.

އަލީ ގެއްލުމުން އޭނާ ހޯދުމަށް ރެއާއި ދުވާލު ހައްޖު ކޯޕަރޭޝަނުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ދިދަ ހިފައިގެން ހަރަމްފުޅު ތެރޭ ހިނގުމާއި ސައުދީގެ ކަމާ ބެހޭ ފަރާތްތަކަށް އެންގުމުގެ އިތުރުން ސައުދީގެ ހޮސްޕިޓަލްތައް ބަލައި ހެދި އެވެ.

އިއްޔެ ހެނދުނު ވަގުތެއްގައި އަލީ ފެނިފައި ވަނީ ހަރަމްފުޅުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށެވެ. އޭނާ ފެނިފައި ވަނީ ވެސް އޭނާ އަމަލުކުރި ރަނގަޅު ގޮތެއްގެ ސަބަބުން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. ސަބަބަކީ ހަރަމްފުޅު ތެރެއިން އޭނާ ބޭރަށް ނުނިކުތުމެވެ. މިއީވެސް އެހެން ފަރާތްތަކަށް އިބުރަތެކެވެ.

"އޭނާ ގެއްލުމުން ކަންކުރެއްވީ ރަނގަޅަށް. ހަރަމް ފުޅުތެރެއިން ގެއްލުމުން އެތަނުން ނުނިކުމެ އިންކަން، އެއީ އޭނާގެ ނަސީބު. އެތަނުން ނުކުތް ނަމަ ގެއްލޭނެ، އަޅުގަނޑުމެން އަބަދުވެސް އިލްތިމާސްކުރަން ހަރަމްފުޅުތެރެއިން ނުނިކުތުމަށް،" ހައްޖު ކޯޕަރޭޝަންގެ އިސްވެރިއަކު ވިދާޅުވި އެވެ.

ބަޔާންތަކުން އެނގޭ ގޮތުގައި ގެއްލިގެންވީ ހަތަރު ދުވަހު އޭނާ އުޅުނީ ހަރަމްފުޅުތެރޭގަ އެވެ. އިރުއޮއްސުމާއެކު ހަރަމްފުޅުގައި ކެއުންލިބޭނެ އިންތިޒާމް ހަމަޖެހިފައިހުރެ އެވެ. އެހެންކަމުން އޭނާ ކައިބޮއި އުޅުނީ އެތަނުންނެވެ. ދެން ބަނޑުފުރާނަ މުއްތިކުރަން ބޭނުންކުރީ ބަރަކާތްތެރި ޒަމްޒަމް ފެނެވެ. ހައްޖު ކޯޕަރޭޝަނުން އޭނާގެ ސިއްހީ ހާލަތު ބަލާފައިވާ އިރު ޑޮކްޓަރުންގެ ރިޕޯޓްތަކުން ދައްކަނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ހާލު ބަރާބަރު. ހުރިހާ ގޮތަކުންވެސް ބަރާބަރު. މިބޭފުޅާ ހަރަމްފުޅު ތެރޭ ހުރީމަ އޮތީ ވިސްނިފައި ކޮންމެވެސް ދުވަހަކުން ބަލައި އަންނާނެ ކަން. ސިނކުޑިއަކަށް ވެސް އެއްވެސް ބަދަލެއް އައިސްފައެއް ނެތް،" ހައްޖު ކޯޕަރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އަލީއަށް ދިމާވި ހާދިސާއިން އެ އަޅުކަން އަދާ ކުރަންދާ އެހެން ފަރާތްތައް ވެސް ހާއްސަ ސަލާމުކަމެއް ދޭންޖެހޭކަން އެނގެ އެވެ. އެގޮތުން ކޮންމެ ތަނަކަށް ދިޔަ ކަމުގައިވީ ނަމަވެސް ހާޖީ ކާޑު ގެންދަންޖެހެ އެވެ. ވަކިވެގަނެގެން އުޅުމުގެ ބަދަލުގައި އެޖަމާއަތަކުން ހަމަޖައްސާފައިވާ ބަޔަކާއެކު އުޅެންޖެހެ އެވެ. އަދި ގެއްލިއްޖެ ހާލަތެއްގައި ހުރި ތަންފިޔަވައި އެހެންތަނަކަށް ނުގޮސް ހުންނަން ޖެހެ އެވެ.

ހައްޖަށާއި އުމްރާއަށް މީހުން ގެންދިއުމުގެ ކުރިން އަބަދުވެސް ސިލްސިލާ ވޯކްޝޮޕްތައް ބާއްވަ އެވެ. ފެންވެރުމާއި ލިފްޓް ބޭނުން ކުރުން ފަދަ ކަންކަން ބުނެދެ އެވެ. ނަމަވެސް ޖަމާއަތްތަކުން މައުލޫމާތު ދޭގޮތުގައި ދުވަސްވީ މީހުން އެކަންކަން ހަނދާނެއް ނުހުރެ އެވެ. އެއާއެކު ދުވަސްވީ ބައެއް މީހުން ދޭ އިރުޝާދު ގަބޫލެއް ނުކުރާ ކަމަށް ޖަމާއަތްތަކުން މައުލޫމާތު އެވެ.

"ދުވަސްވީ މީހުން ބުނާގޮތް ނެހުދުމަކީ ވެސް ދިމާވާ ބޮޑު މައްސަލައެއް. ފައިވާން ވެސް މާލޭ މިސްކިތު ބޭރުގައި ބަހައްޓާހެން ބަހައްޓަނީ ހަރަމްފުޅު ބޭރުގައި. ދެން ފައިވާން ގެއްލެނީ. އަޅުގަނޑުމެން އަބަދުވެސް އިލްތިމާސް މިކުރަނީ ދަބަހަށް ފައިވާން ލުމަށް"، ހައްޖަށާއި އުމުރާއަށް ގެންދާ މީހުންގެ ހަވާލުގައި މަސައްކަތް ކުރައްވާ ފަރާތަކުން ބުންޏެވެ.

އެއަޅުކަމަށް ދާ ފަރާތްތައް ބެލެހެއްޓުމަށް ވެސް ހުންނަނީ ހާއްސަ އުސޫލްތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން ސިފައިންނާއި ފުލުހުން ޕްލެޓޫން މެނޭޖުކުރާ އުސޫލްތަކުގެ މަތިން އިންތިޒާމްތައް ގާއިމް ކުރެ އެވެ. ވަކި އަދަދަކަށް މީހުން ވަކި މީހެއްގެ ބެލުމުގެދަށުން ބަލަހައްޓާގޮތަށް ހަމަޖައްސަ އެވެ. އެއާއެކު ގަޑިންގަޑިއަށް ކެއުމަށާއި އަޅުކަން ކުރުމަށް ނަސޭހަތްތެރިވެ އިރުޝާދު އެވެ.

"ކިތަންމެ ވަރަކަށް އަޅުގަނޑުމެން އިންތިޒާމް ހަމަޖެއްސިޔަސް އެގޮތަށް ތަބާވާކަށް ބޭނުމެއް ނުވާނެ ވަކި އުމުރަކަށް ދިޔައީމަ،" ދިމާވާ ދަތިތައް ހިއްސާ ކުރަމުން ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކަން މިހެން ވުމުން ހިތާމަވެރި ހާދިސާތައް ހިނގަން މަގުފަހިވެ އެވެ. އެހެންކަމުން އެމާތް އަޅުކަން އަދާކުރަން ދާ ފަރާތްތަކުން، އެފަރާތްތަކަށް ދޭ އިރުޝާދުގެ މަތިން އަމަލު ކުރަންޖެހެ އެވެ. އެ އަޅުކަން އަދާ ކުރަންދާ ފަރާތްތަކުގެ ބެލެނިވެރިން ވެސް ތަކުރާރުކޮށް އެކަން ހަދާން ކޮށްދޭންޖެހެ އެވެ. އެހެން ނޫންނަމަ ހިތާމަވެރި ހާދިސާތައް ހިނގުން ދުރެއް ނޫނެވެ. އަލީއަށް މިހާދިސާ ދިމާވިގޮތާއި އޭނާ ސަލާމަތްވީ ސަބަބުން އިބުރަތް ހާސިލް ކުރަންޖެހެ އެވެ.