ދުވާލު ވަގުތު މަގުމަތީ ކާންހުރި މީހަކު ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވަނީ މިއަދު ދުވާލު ވަގުތުގައި ސައިކަލެއްގެ މަތީގައި ކާން އިންދައި ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 09:35 ހާއިރު، ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް، އެމީހާ ސައިކަލެއްގެ މަތީގައި ކާން އިންދާ ފެނުމުންނެވެ.

ހުޅުމާލެއިން ދުވާލު ގަޑީގައި މަގުމަތީގައި ކާން އިން މީހަކު ހައްޔަރު ކުރިއިރު، މާލެއިން އިއްޔެ ވަނީ ދުވާލު ވަގުތުގައި ފިހާރައެއްގެ ތެރޭގައި ޗޮކްލެޓެއް ކާން ހުރި މީހަކު ހައްޔަރުކޮށްފަ އެވެ.

ރޯދަ މަހު ދުވާލު ވަގުތަކުގައި ރޯދައަށް ނުހުރެ ކެއިން ބުއިމަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް ފެންމަތިވާ ބޮޑު މައްސަލައެކެވެ.

ދީނީ ގޮތުން ބަލާއިރު މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލައިފި މީހާ އެކަމަށް ތައުބާވެ ޖެހިޖެހިގެން ދެ މަސް ވަންދެން ރޯދަ ހިފަން ޖެހެ އެވެ.

ރޯދަ މަހު ދުވާލު ރޯދަ ދޫކޮށްލައިގެން މިހާތަނަށް އާންމުކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގައި ވަނީ 150 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް ވަރަށް މަދު ފަހަރެއްގައި ހަ މަހަށް ޖަލަށްލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.