07 Jul 2015, 16:18
މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނ. މިލަދޫ ދިއްގާމާގޭ އަހްމަދު މާޒިން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގައި މިއަދު 1:00 ގައި ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާނުކޮށް ކޯޓުން މައްސަލަ ތާވަލް ކުރުމުގެ ސަބަބުން ޝަރީއަތަށް ހާޒިރުކުރަން ޖެހޭ ފަރާތްތައް ކޯޓަށް ހާޒިރު ނުކުރެވުމުގެ ސަބަބުންނެވެ.
އެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.
ދައުލަތުން ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:40 އެހާކަންހާއިރު ސައިކަލުގައި އަޑިޕާކް ކައިރިއަށް ގޮސް ގއ. ދެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހީމް ސައިކަލްގައި މަޑުކުރުމުން އެ ސައިކަލްގެ ފަހަތުގައި އިން އއ. މާޅޮސް މީނާޒު އިސްމާއީލް އުސާމް ޕާކްތެރެއަށް ވަދެ ތޫނުއެއްޗަކުން މާޒިން އަށް ހަމަލާދީފައިވާ ކަމަށެވެ.
އަދި ހއ. ބާރަށް މުޝްތަރީގޭ ހާނިފް އިމްތިޔާޒު ސައިކަލްގައި މަޑުކުރުމުން އެ ސައިކަލްގެ ފަހަތުގައި އިން ތ. ވިލުފުށީ ނަލަހިޔާގޭ މޫސާ ހުސައިން ޕާކް ތެރެއަށް ވަދެ އެ ޕާކްތެރޭގައި ހުރި ހ. ސައިބާން އަލީ ރިފާންގެ ގައިގެ އެކިތަންތަނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.
އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އެދުވަހުގެ ހަވީރުގެ ވަަގުތެއްގައި މާޒިން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވެއެވެ.
އެ މައްސަލައިގެ އެއްވެސް ޝަރީއަތުގެ މަޖިލީހަކަށް ނޫސްވެރިން ނުވެއްދުމަށް މައްސަލަ ބައްލަވާ ގާޒީ ސައީދު އިބްރާހީމް ވަނީ ނިންމާފައެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލަށް ނޫސްވެރިން ނުވައްދަނީ މައްސަލައިގެ ބާވަތުން ކަމަށެވެ.
މިހާތަނަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު އެހެން މަރުގެ މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތަކަށް ނޫސްވެރިންނަށް ވަދެވިފައި މި މައްސަލައިގެ އަޑުއެހުންތަކަށް ނޫސްވެރިން ނުވައްދަނީ މި މައްސަލާގައި ހިމެނޭ ކޮން ބާވަތަކުން ކަމެއް ކޯޓުން ބުނެދީފައެއް ނުވެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި މަންޒަރު ދުށް މީހުންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފައެވެ.