އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ތެރެއިން އެ ޕާޓީގެ ދެބައިކުޅައެއްބައި މެމްބަރުންގެ ފިންގާ ޕްރިންޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފި އެވެ.

ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ފިޔަވައި އަނެއް ސިޔާސީ ޕާޓީތަކުގެ ފިންގާ ޕްރިންޓް ހޯދަން ޖެހެ އެވެ. ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކެއްގައި ވަނީ އިނގިލީގެ ނިޝާން ޖަހާފައި އެވެ.

އެމްޑީޕީގެ އޮފީހަށް އިލެކްޝަނުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެމްޑީޕީން ރަޖިސްޓުރީ ކޮށްފައިވާ 46،608 މެމްބަރުންގެ ތެރެއިން، 23،058 މެމްބަރެއްގެ އިނގިލީގެ ނިޝާން ހޯދަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފިންގަ ޕްރިންޓް ހުށަހަޅަން ޖެހެނީ ޑީއާރުޕީން ނެވެ. ޑީއާރުޕީން 10000 މެމްބަރުންގެ ފިންގާ ޕްރިންޓް ހުށަހަޅަންޖެހޭ އިރު އަދާލަތު ޕާޓީން 2،866 ހުށަހަޅަން ޖެހެ އެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ން 2،764 މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރަން ޖެހެ އެެވެ.

ފިންގަޕްރިންޓް ހަމަނުކޮށް ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީ މެމްބަރުން ޕާޓީން ވަކި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.