06 Mar 2011, 14:12
ސަރުކާރުގެ އިސް އޮފިޝަލުންތަކަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިންޓަނެޓުން ބިރުދައްކައި، "ބްލެކް މެއިލް" ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 14 މީހުންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު، ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ކުއްޖާ ތަހުގީގަށް ހައްޔަރުކުރެވުނަސް އެއީ ކުޑަކުއްޖަކަށް ވާތީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ކުއްޖާ ދޫކޮށްލާފައިވާ ކަމަށެވެ.
"އޭނަ ތަހުގީގަށް ހައްޔަރު ކުރެވުނަސް އެއީ ކުޑަކުއްޖަކަށް ވާތީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނަ ވަނީ ދޫކޮލާފައި،" ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން ދޫކޮށްލާފައި ވަނީ ކުޑަކުއްޖާ އެކަނި ކަމަށާއި މައްސަލަ ތަހުގީގުކޮށް ނިމުނުހާ އަވަހަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވާނެ ކަމަށެވެ.
"ޕީޖީ އޮފީހުން ދައުވާ ކުރާނެ މީހުން ނިންމާނީ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އައްޑޫން 10 މީހަކާއި މާލެ އިން ހަތަރު މީހުން ނެވެ. އަދި އައްޑޫން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 26 އަހަރާއި ދެމެދުގެ މީހުންނެވެ. މާލެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މައްސަލައިގައި އައްޑޫން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ފަހު ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ބުންޏެވެ.