ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާއަށް ރ. ރަސްމާދޫ ބަހާރުގެ އަލީ އަޝްރަފު އާއި ރިޓަޔަޑް ކާނަލް ޝައުކަތު އިބްރާހީމް އިންކާރު ކުރައްވައިފި އެވެ.

އެ މައްސަލާގައި ދައުލަތުން ޝައުކަތާއި އަޝްރަފްގެ މައްޗަށް އުފުލާފައި ވަނީ މަކަރާ ހީލަތް ހެދުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ނުވައެއް ނޮވެންބަރު 2011 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން ވަގު ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނަގައި ބޭންކް އޮފް މޯލްޑިވްސްގައި ޝައުކަތުގެ އެކައުންޓަށް އެފައިސާ އޮޅުވާލައިގެން ތަފާތު އެކި ފަހަރު މަތިން ޖަމާކޮށްފައިވާ ކަމަށެވެ.

ދައުލަތުން ކުރި ދައުވާއަށް އިންކާރު ކުރައްވަމުން އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ މައްސަލައާއިގެން ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކު ކަމަށެވެ.

ގާޒީ އަބްދުﷲ ނަޝީދު ވަނީ ވަކީލަކު ހަމަޖެއްސުމަށް އެ ދެބޭފުޅުންނަށް ވެސް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.

ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮއްނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.

ދައުލަތުން ޝައުކަތާއި އަޝްރަފުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 101 ވަނަ މާއްދާގެ (ހ) އަދި 132 ވަނަ މާއްދާގެ ދަށުންނެވެ.

އަޝްރަފާއި ޝައުކަތުގެ އިތުރުން އެ މައްސަލާގައި ދެން ދައުވާ އުފުލާފައި ވަނީ ށ. ޅައިމަގު ޖަމްސަރީރުގޭ މުހައްމަދު މުސްތައުމިދާއި އެ ރަށު ގޯލްޑް ސްޓާ މުހައްމަދު މުސްތަފާގެ އިތުރުން އެސްބީއައިގެ ދެ މުވައްޒަފުން ކަމުގައިވާ ހ. މިއުރެކްސް، ސުލްތާނާ ހުސައިން އާއި ހއ. ކެލާ ރޯޒްމީޑް، އައިޝަތު ހުސައިންގެ މައްޗަށެވެ.