އައްޑޫ ސިޓީ މަރަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުން ފިލަން މަސައްކަތް ކުރި މީހަކު ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 10:40ގައި އެ އެކްސިޑެންޓް ހިނގީ މަރަދޫ ބޮޑުމަގުން އަންހެނަކު ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓްގައި އަންހެން މީހާގެ ކަކުލަށް އަނިޔާވެ އެމީހާ ދުއްވަން އިން ސައިކަލަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަންހެން މީހާ ދުއްވި ސައިކަލުގައި ޖެހުނު ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެކްސިޑެންޓުވުމުން އެ ކުއްޖާ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އާންމުންގެ އެހީތެރިކަމާ އެކު އެ ކުއްޖާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ ކުއްޖާގެ ބަޔާންނެގުމަށް ފަހު ދޫކޮށްލާފައި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ސައިކަލު ދުއްވި 18 އަހަރުގެ ކުއްޖާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.