ޓްރާންސްފާ ޕީރިއަޑް ފެށުމާ އެކު ޓްރާންސްފައާ ގުޅޭ ތަފަތު އެކި ވާހަކަތައް އެއް ކުޅުންތެރިޔަކާ ބެހޭ ގޮތުން ދެއްކި ކުޅުންތެރިޔަކަށް ރެއާލް މެޑްރިޑްގެ ގޯލް ކީޕަރު އީކާ ކަސިއަސް ވެގެންދާނެ އެވެ.

އެކި ޓީމްތަކުން ކަސިއަސްއަށް ބިޑުކޮށްފައިވާ ވާހަކަ އެވެ. ނަމަވެސް ކޮންމެ ވާހަކައެއް ވެސް މީޑިއާގައި ސުރުހީއަށް އަރާލާފައި ފަނޑުވެގެން ދަނީ އެވެ. ނަމަވެސް އިއްޔަ ސްޕެއިންގެ މީޑިއާއިން ތިލަކުރި ވާހަކަޔަކީ ކަސިއަސް ޕޯޗްގަލްގެ ޕޯޓޯއަށް ބަދަލުވާން އުޅޭ ވާހަކަ އެވެ.

އެންމެ ފަހުން މިވާހަކަޔަށް ބާރު ލިބުނީ ކަސިއަސްގެ އެޖެންޓް މީޑިއާއަށް ބައެއް ވާހަކަތައް ހިއްސާކޮށްފައި ވުމުންނެވެ. އިއްޔަ މާސާއަށް ދީފައިވާ އިންޓަވިއުއެއްގައި ކަސިއަސްގެ އެޖެންޓް ކާލޯ ކާޓްރޯޕިއާ ބުނެފައިވަނީ ޕޯޓޯއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ކަސިއަސްވެސް ހިތް ހަމަޖެހިފައި ހުރި ކަމަށެވެ.

"ޕޯޓޯ އިން ވަނީ ކަސިއަސްއަށް ހުށަހަޅާފައި އަދި ކަސިއަސް ވެސް އެ ހުށަހެޅުމާ މެދު ހިތް ހަމަޖެހޭ ދެން މިހާހިސާބުން އަހަރެމެން ބަލަން ޖެހޭނީ ރެއާލް މެޑްރިޑުން ކީކޭތޯ ބުނަނީ،" ކާޓްރޯޕިއޯ ބުންޏެވެ.

ކާޓްރޯޕިއޯއާއި ހާވަލަދީ ޕޯޗްގަލްގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ކަސިއަސް ޕޯޓޯއަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި ކަސިއަސްއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ރެއާލް މެޑްރިޑަށް އެނގޭނެ ކަމަށެވެ.

ސްޕެއިންގެ ޓީވީ ޗެނަލެއް ކަމުގައިވާ ޓިވީއީ އިން ބުނެފައި ވަނީ ޕޯޓޯގެ ހުށަހެޅުމާ މެދު ކަސިއަސް ހިތްހަމަޖެހެނީ ޕޯޓޯގެ ކޯޗަށްކަށް މިވަގުތު ހުރި ކުރިން ރެއާލް މެޑްރިޑާއި ސްޕެއިންގެ ގައުމީ ޓީމް ގޯލް ބަލަހައްޓަފައިވާ ޖޫލިއަން ލުޕެޓިގީ ޕޯޓޯގެ ކޯޗަކަށް ހުރުމުން ކަސިއަސްއަކީ ލުޕެޓިގީއާ މެދު ވަރަށް ހިތްހަމަޖެހޭ ކީޕރަކަށްވުމެވެ.

އަދި ޕޯޓޯއަކީ ވެސް ޗެމްޕިއަންސް ލީގް ކުޅޭ ޓީމަކަށްވުން އެއީ ކަސިއަސް ޕޯޓޯގެ ހުށަހެޅުމާ މެދު ހިތްހަމަޖެހޭ ސަބަބެކެވެ.

ޓީވީއީ އިން ބުނެފައި ވަނީ މިހަފުތާ ނުވަތަ އަންނަ ހަފުތާގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ނަމަވެސް މިފަދަ ހުށަހެޅުމެއް ޕޯޓާ އިން ރެއާލްއަށް ހުށަހަޅާފައިވާ ކަމެއް ރެއާލްއއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.