ރާމަﷲ : މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް އިޢްލާންކުރެވޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް މިހާރު ވަޑައިގެން އުޅުއްވާ ޗިލީގެ ރައީސް ސިބާސްޓިޔާން ބިނީރާ އާ ރާމަﷲ ގައި މިއަދު ބައްދަލުކުރައްވަމުން ޢައްބާސް ވިދާޅުވީ އިސްރާއީލާއެކު ސުލްޙައިގެ ވާހަކަ ދެއްކުމަކީ ނަތީޖާއެއް ނެރެވޭ ކަމެއްނޫންކަން ވޭތުވެދިޔަ 18 އަހަރުތެރޭގައި އެނގިގެން ހިނގައްޖެކަމުގައެވެ. އެހެންކަމުން 1967 ގެ ހަނގުރާމައިގެ ކުރިން ފަލަސްތީނުގެ ސަރަޙައްދީ ރޮނގު އޮތްހިސާބަކީ ފަލަސްތީނުގެ މިނިވަން ދައުލަތް ކަމަށް ބަލައިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް އިޢްލާންކުރަން މިހާރު ލަސްވެފައިވާ ކަމުގައެވެ.

1989 ގައި އިޢްލާންކުރި ފަލަސްތީނުގެ މިނިވަން ދައުލަތަށް ދުނިޔޭގެ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ އިޢްތިރާފް މިހާރުވެސް ލިބިފައިވާ ކަމަށާއި ރަސްމީކޮށް މިދައުލަތް އަލުން އިޢްލާންކޮށް އދ. ގައި ބައިވެރިވުމަށް އެދުމުން އދ. ގެ މެނަބަރަކަށް ވުމުގެ ފުރްސަތު ފަލަސްތީނަށް ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށްފަލަސްތީނުގެ ޒާތީ އިދާޜާއިން ބުނެއެވެ.

ފަލަސްތީނުން އިސްރާއީލާއެކު ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތައް ހުއްޓުނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ފޭބުމަށާއި މިބިންތަކުގެ ބޮޑުބައެއްގައި އިސްރާއީލުން ކުރިޔަށް ގެންދިޔަ ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޕްރޮގްރާމް ހުއްޓާލުމަށް ތަކުރާރުކޮށް އިސްރާއީލު ދެކޮޅު ހެދުމާގުޅިގެންނެވެ.

ހިފާފައިވާ ބިންތަކުގައި އިސްރާއީލު ކުރިޔަށް ގެންދާ ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޣައިރު ޤާނޫނީ ޕްރޮގްރާމް ހުއްޓާލުމަށް އުސޫލެއްގެ ގޮތުން އެމެރިކާ ގޮވާލިނަމަވެސް މިޕްރޮގްރާމް ހުއްޓާލުމަށް އިސްރާއީލަށް މަޖްބޫރުކުރުވާ ޤަރާރެއްގެ ދެލިކޮޕީ އދ. ގެ ސަލާމަތ މަޖިލީހަށް ހުށަހެޅުމުން މިދިޔަ ހަފްތާގައި އެމެރިކާވަނީ އެޤަރާރާދެކޮޅަށް ބާރުގެ ބޭނުންކޮށްގެން އެޤަރާރު ފެންކޮށްލާފައެވެ. މިއީ ފަލަސްތީނުގެ މައްސަލާގައި އެމެރިކާ ގެންގުޅޭ މުނާފިޤުކަން އިތުރަށް ހާމަވެގެން ދިޔަކަމެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.

އެމެރިކާއާއި އިސްރާއީލު ގެންދަނީ މިނިވަން ދައުލަތެއް އިޢްލާން ނުކުރުމަށް ފަލަސްތީނުގެ ޒާތީ އިދާރާއަށާއި ރައީސް މަޙްމޫދް ޢައްބާހަށް އިންޒާރު ކުރަމުންނެވެ. (އަލްޖަޒީރާ)