މާލޭ ޓްރެކް ސަރަހައްދަށް މޫދަށް އެރޭ މީހުން ހިލޭ ސާފް ފެނުން ފެންވެރޭނެ އިންތިޒާމް، ސުޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) އިން ހަމަޖައްސައިފިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ފަތަންދާ ޓްރެކް ސަރަހައްދުގައި މީގެ ކުރިން މީހުން މޫދަށް އެރުމަށްފަހު ލޮނު ފިލުވުމަށްޓަކައި ގެއިން ޖެހެނީ ފުޅިފުޅިއަށް އަޅައިގެން ފެން ގެންދާށެވެ. ނަމަވެސް އެކަމަށް ސްޓެލްކޯއިން މިވަނީ ނިމުމެއް ގެނެސްފައެވެ.

ފެންމާގެ ނަމުގައި ހަ މާގަނޑާއެކު އެސްޓީއޯ ޕެޓްރޯލް ޝެޑް އުތުރުން ސްޓެލްކޯ ކަންމަތީ އެތަން ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެތަން ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު މުއިއްޒު ވިދާޅުވީ ޓްރެކް ސަރަހައްދަށް މޫދަށް އެރޭ ކުދިބޮޑެތި އެންމެ ފަރާތްތަކަށް ފަސޭހަ ކަންތައްތަކެއް ހަމަޖެހިގެންދިއުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ.

މިއަދު އެހުޅުވުނު މާގަނޑުތަކުގެ ފެން ބިލް ކުޑަ ދުވަސްކޮޅެއް ވަންދެން ބަލަހައްޓާނީ އެ މިނިސްޓްރީ އިން ކަމަށާއި ކުރިއަށް އޮތްތަނުގައި އެމާގަނޑުން އަންނަ ފެނަކީ ސްޓެލްކޯއިން އުފައްދާ ފެނަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފެތުމުގެ ކުޅިވަރުގައި އުޅޭ ހުރިހާ ޒުވާނުންނާއި ކިޔަވާ ކުދިންނާއި އެންމެހާ ފަރާތްތަކަށް މިކަންތައް، އާދެ މޫދަށް އެރުމަށްފަހު ފެތުމަށްފަހު ސާފް ފެނުން ގާތްދޮވެލާ ފެންވަރާލާ ހެދުމުގެ އިންތިޒާމް، މިކަން ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެން ސަރުކާރުން މިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ފެންމާ ހުޅުވުމުގެ ހަފްލާގައި ސްޓެލްކޯގެ އެމްޑީ ޝުކޫރު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓުރެކް ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ފަސޭހަ މާހައުލެއް ގާއިމް ކޮށްދިނުމަށްޓަކައި އެސަރަހައްދުގައި ޕާކް ނުކުރެވޭނެ ގޮތާއި މަގުހުރަސް ކުރެވޭނެ އިންތިޒާމް ތަކެއް ހަމަޖައްސާނެ ކަމަށްވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ސުޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ އެފަދަ މާގަނޑުތަކެއް ގާއިމް ކުރުމަކީ ވަރަށް ކުރިން ސުރެވެސް ސްޓެލްކޯއިން ކުރަން އުޅުނު ކަމެއް ކަމަށެވެ. ކުރިން އެކަން ނުވެއޮތީ ބިމެއް ހަމަނުޖެހުމުން ކަމަށާއި ނަމަވެސް މިސަރުކާރުގައި އެދުމުން ވަރަށް ކުޑަމުއްދަތެއްގެ ތެރޭގައި ބިން ހަމަޖައްސައި ދެއްވި ކަމަށް ޝުކޫރު ވިދާޅުވިއެވެ.

މިއަދު ފެންމާގަނޑުތައް ތައާރަފް ކޮށްފައިވާއިރު އެތަން ސާފްތާހިރު ކަމާއެކު ބޭނުން ކުރުމަށް ޝުކޫރު ވަނީ އިލްތިމާސް ކުރައްވާފައެވެ.