07 Jul 2015, 11:44
ފިހާރައެއްގެ ސޭޓެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި އެވެ.
މިއަދު 11:27 އެހާކަންހާއިރު ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ބުރުޒުމަހުގައި ހުންނަ ފެންޒީ ސްޓޯރުގެ ސޭޓަށެވެ.
ޒަހަމްވި މީހާ އަށް ފަރުވާ ދިނުމަށް ވަނީ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެމީހާގެ ހަށިގަނޑުގެ އަށް ތަނަކަށް ހަމަލަދީފައިވާ ކަމަށެވެ. ނަމަވެސް މާބޮޑު ސީރިއަސް ޒަހަމެއް ލިބިފައިނުވާ ކަމަށް ޒީނަތު ވިދާޅުވި އެވެ.
މަންޒަރު ދުށް މީހަކު ސަން އަށް ބުނީ ސޭޓަށް ހަމަލާދީފައި ވަނީ ބިދޭސީ މީހެއް ކަމަށެވެ. އޭނާ ސޭޓަށް ހަމަލާދިނީ ދަރަންޏަށް ތަކެތި ދޫނުކޮށްގެން އެކަމުގެ ރުޅީގައި ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ.
"މިއަދު ފެންޒީ ސްޓޯރަށް ތަކެތި ގަންނަން ދިޔަ ބިދޭސީއެއް. އޭނާ ނެގި ތަކެއްޗަށް 80 ރުފިޔާ އެރީ. އެވަރަށް ފައިސާ ދެއްކެން ނެތް ކަމަށް ބުނެ ދަރަންޏަށް ދޭން އޭނަ އެދުނީ. ދެން ސޭޓު ދެކޮޅު ހެދީމާ އެ ފިހާރައިގައި އޮތް ވަޅިއެއް ނަގައިގެން ސޭޓުގަޔަށް ވަޅިހެރީ،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.