07 Jul 2015, 11:22
ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މއ. މަޒާގޭ އިބްރާހީމް ރިޔާޒު ތިން އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
ރިޔާޒް ޖަލަށް ލާން މިދިޔަ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން 21 މިލިއަން ޑޮލަރަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑު މޯލްޑިވްސްއާ ހަވާލުކުރި މައްސަލާގަ އެވެ.
މިއަދު 10:15 އަށް ތާވަލު ކުރި އެޝަރީއަތް ކެންސަލް ކުރި ވަކި ސަބަބެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ. އެމައްސަލައިގެ ގިނަ އަޑު އެހުންތަކެއް މިހާތަނަށް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު އެމައްސަލަ އޮތީ ހުކުމް ކުރުމާ ހަމައިގަ އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑަށް އެވޯޑުކޮށްދީފައި ވަނީ ރިޔާޒު ކަމަށާއި އޭނާ އެ ނިންމުން ނިންމާފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑުގެ ނިންމުމެއްގެ ދަށުން ކަމަށް ޝަރީއަތުގައި އޭނާ ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް އެ މަސައްކަތް ހެވީލޯޑާ ހަވާލުކުރުމަށް އެ ކޯޕަރޭޝަންގެ ބޯޑުން ނިންމި ނިންމުމެއް އޭނާ އަށް ޝަރީއަތަށް ދެއްކިފައިނުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
ރިޔާޒުގެ އެ އަމަލަކީ ތިލަފުށީ ކޯޕަރޭޝަންގެ ހިންގާ ގަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެހެންކަމުން ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި ރިޔާޒުގެ އިއުތިރާފުން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް އޭނާ ހޯއްދަވައިދެއްވާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލުކުރި އިރު މޮބިލައިޒޭޝަން ޕޭމަންޓްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަނުން ވަނީ 38.6 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކޮށްފައެވެ.
އެ މައްސަލައުގައި ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ ދެ ބޯޑު މެމްބަރުން ކަމުގައިވާ ގ. ރަންގިރީގޭ މުހައްމަދު ވާފިރު އާއި މއ. ރާހާ އަހްމަދު އަދުލީ ރަޝީދުގެ މައްޗަށް ދައުވާ ކުރިނަމަވެސް، އެ ދެ ބޭފުޅުންގެ މައްޗަށް އެ ދައުވާ ސާބިތުކުރެވޭވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެ ދެ ބޭފުޅުން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވިކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.