07 Jul 2015, 11:23
ބެއިޖިންގް (ޖުލައި 7) : ޗައިނާއާއި ރަޝިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ މެދުތެރޭ އޭޝިޔާގެ ސަރަހައްދީ ޖަމާއަތް ކަމަށްވާ "ޝެންހާއި އޮގަނައިޒޭޝަން ފޯ ކޯޕަރޭޝަން"ގެ މެންބަރު ކަމަށް އެދި އިންޑިޔާއާއި ޕާކިސްތާނުން ހުށަހަޅާފައި ވާތީ އެދެގައުމަށް މެންބަރުކަން ދިނުމުގެ ކަންތައްތައް ކުރިޔަށްދާކަން ޗައިނާ އިން ހާމަކޮށްފި އެވެ.
ޗައިނާގެ ޚާރިޖިއްޔާގެ މަސްއޫލުވެރިއެއް ކަމަށްވާ ޗިންގް ގޫބިންގް ވިދާޅުވީ މިދެގައުމަކީ މިހާރު ވެސް "ޝެންހާއި އޮގަނައިޒޭޝަން ފޯރ ކޯޕަރޭޝަން"ގެ ބައްދަލުވުންތަކުގައި އޮބަޒާވަރެއްގެ ގޮތުގައި ބައިވެރިވާ ދެގައުމު ކަމަށާއި އަދި ފުރިހަމަ މެންބަރު ކަމަށް އެދި މި ދެ ގައުމު ހުށަހަޅާފައި ވާތީ އެ ޖަމާއަތުގެ ސެކްރެޓޭރިއަޓުން މިކަން ބަލަމުންގެންދާކަމުގަ އެވެ.
ނަމަވެސް އިންޑިއާ އާއި ޕާކިސްތާނަށް "ޝެންހާއި އޮގަނައިޒޭޝަން ފޯ ކޯޕަރޭޝަން"ގެ ފުރިހަމަ މެންބަރުކަން ދިނުމުގެ އެންމެފަހުގެ ނިންމުން ނިންމާނީ މިހަފްތާގެ ފަހުކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމާއަތުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ކަމަށް ގޫބިންގް ވިދާޅުވި އެވެ. މިހަފްތާގައި ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސަމިޓްގައި ރަޝިޔާގެ ރައީސްގެ އިތުރުން ޗައިނާއާއި އެހެން ގައުމުތަކުގެ ރައީސުން ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
"ޝެންހާއި އޮގަނައިޒޭޝަން ފޯރ ކޯޕަރޭޝަން" އަކީ މެދުތެރޭ އޭޝިޔާގެ ގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކަލާއި އަފްޣާނިސްތާނުން ސްމަގްލިންކުރާ މަސްތުވާތަކެތީގެ ނުރައްކަލުން މެދުތެރޭ އޭޝިޔާގެ ގައުމުތައް ސަލާމަތް ކުރުމަށް ޓަކައި އެސަރަހައްދުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް 2001 ވަނަ އަހަރު ޗައިނާ އާއި ރަޝިޔާ އިސްކޮށް އޮވެގެން އުފެއްދި ޖަމާއަތެކެވެ. މިޖަމާއަތުގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާއާއި ރަޝިޔާގެ އިތުރުން ކަޒަޚިސްތާން، ތަޖަކިސްތާން، ކިރްގިސްތާން އަދި އުޒްބަކިސްތާން އެވެ. ނަމަވެސް މެންގޯލިޔާއާއި އީރާނާއި އަފްޣާނިސްތާނާއި ޕާކިސްތާނާ އަދި އިންޑިޔާ އޮބްޒާވަރުންގެ ގޮތުގައި ސަރަހައްދީ މިޖަމާއަތުގެ ބައްދަލުވުންތަކުގައި ބައިވެރިވެ އެވެ.
މިހަފްތާގައި ރަޝިޔާގައި ބާއްވާ އެޖަމާއަތުގެ އިސްވެރިންގެ ސަމިޓްގައި އެޖަމާއަތުގެ ލީޑަރުން އިންޑިޔާއާއި ޕާކިސްތާނުގެ މެންބަރުކަން ކަށަވަރުކޮށްދެއްވުމުން އެދެގައުމަށް އެޖަމާއަތުގެ ފުރިހަމަ މެންބަރުކަން ލިބިގެންދާނެ އެވެ. އިންޑިއާއާއި ޕާކިސްތާނަކީ ވެސް ހަނގުރާމަވެރި ޖަމާއަތްތައް ގިނަ ދެގައުމެވެ. ޚާއްސަކޮށް އިންޑިއާގެ މާއޮއިސްޓުންނާއި ޕާކިސްތާނުގެ ތާލިބާން ޖަމާއަތާއި ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީ ވެސް ހަތިޔާރު ބޭނުންކޮށްގެން ސިޔާސީ މަގްސަދްތައް ޙާސިލްކުރާ ބާރުގަދަ ޖަމާއަތްތަކެވެ.
އިންޑިއާއާއި ޕާކިސްތާން "ޝެންހާއި އޮގަނައިޒޭޝަން ފޯ ކޯޕަރޭޝަން"ގެ ފުރިހަމަ މެންބަރުންނަށް ވުމުން އެޖަމާއަތުގެ ބާރާއި ނުފޫޒު މެދުތެރޭ އޭޝިޔާގައި މިހާރަށް ވުރެ ވަރުގަދަ ވެގެންދާނެކަމަށް ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބު ޗިންގް ގޫބިންގް ވިދާޅުވި އެވެ. (ރޮއިޓާސް)