07 Jul 2015, 11:26
ހުޅުމާލޭގައި ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ޒުވާނަކު މަރުވި ހާދިސާގައި އެމީހުން ސައިކަލު ދުއްވާފައި ދިޔަ ސަރަހައްދަށް އެއްލާލާފައި ދިޔަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް ކާރެއްގައި ޖެހި އިއްޔެރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެމީހުން ދުއްވާފައި ދިޔަ އިރު، އެއްޗެއް އެއްލާލި މަންޒަރު ފެނުނު ކަމަށެވެ. އަދި ފުލުހުން ގޮސް ބެލި އިރި މަސްތުވާތަކެތި އަޅާފައި ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
އިއްޔެރޭގެ ހިނގި އެ އެކްސިޑެންޓްގައި ޒަހަމުވި ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ އިރު، އަނެއް މީހާ އަށް އަދި ވެސް އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމީހާގެ އަތާއި ފައި ދެ ތަނުން ބިނދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.