07 Jul 2015, 11:19
ވައިޓް ހައުސް (ޖުލައި 7) : އިރާގާއި ސީރިޔާގެ ބޮޑު ބައެއް ހިފައިގެން އުޅޭ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތް ބަލިކޮށްލުމަށް ދިގުމުއްދަތެއް ބޭނުންވާނެ ކަމަށާ އެއީ ކައިރި މުސްތަގްބަލެއްގައި ކުރެވޭނެ ކަމެއްނޫން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ އައިއެސް ބަލިކުރުމަށް އެމެރިކާ ބޭނުން ވަނީ އެހެން ގައުމުތަކުގެ އެހީތެރިކަން ކަމަށާ މިކަމުގައި އިސްލާމީ ގައުމުތަކުގެ އަސްކަރީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމުގަ އެވެ. އައިއެސް އާ ދެކޮޅަށް ބިންމަތީގައި ހަނގުރާމަ ކުރަމުން ގެންދަނީ އެޖަމާއަތުގެ ނުރައްކަލާ އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ އިރާގާއި ސީރިޔާގެ ސިފައިންނާއި މިދެގައުމުގެ ކުރުދީންގެ އަމިއްލަ ބާރުތަކުންނެވެ.
މިފަރާތްތަކުން އެއްގަމު މަގުން ކުރަމުން ގެންދާ ހަނގުރާމައިގާ އައިއެސް ބަލިނުކުރެވުނު ނަމަވެސް އިރާގާއި ސީރިޔާގެ ބައެއް ސަރަހައްދުތަކުން އެޖަމާއަތް ފަހަތަށް ޖައްސާލެވިފައިވެ އެވެ. އަދި ބަޣްދާދާއި ދިމިޝްގާ ގާތްވުމަށް އައިއެސް އިން ކުރި ހުރިހާ މަސައްކަތްތަކެއް ވެސް ނާކާމިޔާބު ކޮށްލެވިފައިވެ އެވެ. އޮބާމާ ވިދާޅުވީ އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާގެ އެއްގަމު ސިފައިން އެއްވެސް ގައުމަކަށް ނުފޮނުވާނެ ކަމަށާ ނަމަވެސް އައިއެސް އާ ދެކޮޅަށް އެމެރިކާގެ ވައިގެ ސިފައިން މިހާރު ވެސް ބޭނުންކުރަމުން ގެންދާ ގޮތަށް ކުރިމަގުގައި ވެސް ބޭނުން ކުރަމުން ގެންދާނެ ކަމުގަ އެވެ.
އައިއެސް އާ ހަނގުރާމަކުރުމަށް 60 ގައުމު ހިމަނައިގެން އެމެރިކާ އިސްވެ އޮވެގެން އަސްކަރީ އެލަޔަންސެއް އެކުލަވާލައި އެ އެލަޔަންސްގެ ގައުމުތަކުގެ ވައިގެ ސިފައިން އައިއެސްގެ އަމާޒުތަކަށް ހަމަލާތައް ދެމުންގެންދާތާ އަހަރެއްހާ ދުވަސް ވެފައިވީ ނަމަވެސް އެހަމަލާތަކުގެ މާބޮޑު އަސަރެއް އައިއެސް އަކަށް ނުކުރެ އެވެ. އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެމެރިކާގެ އެއްގަމު ސިފައިން ބޭނުން ނުކުރުމަށް އެމެރިކާ ނިންމާފައި ވަނީ އައިއެސްއާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަކޮށްގެން އެމެރިކާގެ ގިނައަދަދެއްގެ ސިފައިން މަރުވުމުގެ ފުރްސަތު ބޮޑުކަމުންނާއި އެއްގަމު ހަނގުރާމައިގާ އެމެރިކާ ބަލިވެދާނެ ކަމަށް ބިރުން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އަދި އައިއެސްއާ ހަނގުރާމަކުރުމަކީ ބޮޑު ލޭއޮހޮރުވުމަކަށް ވާތީ އެވަރުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލުމަށް އެމެރިކާ ޖެހިލުންވާތީ ކަމަށް ވެސް އަސްކަރީ ތަޖްރިބާކާރުން ބުނެ އެވެ.
އައިއެސްއަކީ އެމެރިކާ އާއި އިނގިރޭސިވިލާތުން އދ. އަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖެހުމަށް ފަހު އިރާގަށް އަރައިގަނެ އެގައުމުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އަނިޔާވެރިކަން ތަހައްމަލް ކުރަންޖެހުނު ސުންނީންގެ ފަރާތުން ބަދަލުހިފުމުގެ ރޫހެއްގައި އުފެއްދި ޖަމާއަތެކެވެ. އައިއެސްގެ ނުރައްކާ މިއަދު މުޅި ބައިނަލްއަގްވާމީ މުޖްތަމައަށް ކުރިމަތިވެފައިވީ ނަމަވެސް އެޖަމާއަތުގެ ޝިކާރައަކަށް އެންމެ ބޮޑަށް ވަމުންދަނީ ވެސް މުސްލިމުންނެވެ. ޚާއްސަކޮށް އިރާގާއި ސީރިޔާގެ ރައްޔިތުންނެވެ. (އަލްޖަޒީރާ)