07 Jul 2015, 10:50
އައްޑޫ ސިޓީގެ ހިތަދޫގައި ފުލުހަކު ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ފުލުސް މީހާ ޒަހަމްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި ފުލުސް މީހާ އަށް އިތުރު ފަރުވާ ދިނުމަށް އާދިއްތަ ދުވަހު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައި ވަނީ ފުލުސްމީހާ އަށެވެ. އޭނާގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެކްސިޑެންޓް ހިނގި އިރު ފުލުސްމީހާގެ ސައިކަލު ފަހަތުގައި ވެސް އިތުރު މީހަކު އިނެވެ. ނަމަވެސް އެމީހާއަށް އަދި ކާރުގައި ދުއްވަން އިން މީހާއަށް ވެސް މާސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެ އެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫގައި ހުންނަ ނައީމީސްޓޯރު ކައިރީގަ އެވެ. އެ ހާދިސާގައި ފުލުސްމީހާ ދުއްވި ސައިކަލުން ޖެހި ކާރަށް ވެސް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު ފުލުސްމީހާ ހޮސްޕިޓަލަށް ގެންދޭވެނެ ގޮތެއް ނެތިގެން ފުލުސް މީހާގެ ސައިކަލު ފަހަތުގައި އިން މީހާ އޭނާ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެކްސިޑެންޓްވި ޕޮލިސް މީހާގެ ސައިކަލުގަ އެވެ.