07 Jul 2015, 11:01
އެތުލެކޯ މެޑްރިޑްގެ ތުރުކީގެ އެޓޭކިން މިޑްފީލްޑާ އާދަ ތުރާން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސެލޯނައަށް ސޮއިކޮށްފި އެވެ.
ބާސެލޯނާގެ ރަސްމީ ވެބުސައިޓްގައި ބުނެފައި ވަނީ 37 މިލިއަން ޔޫރޯގެ ޓްރާންސްފާ އަގަކަށް ތުރާން އެޓީމަށް ގެނެސްފައިވާ ކަމަށެވެ. އަދި ކުޅުންތެރިޔާގެ އަގެއްގެ ގޮތުން އިތުރު ހަތް މިލިއަން ޔޫރޯ ހުށަހަޅާފައި ވާނެކަމަށް ބާސާއިން ބުންޏެވެ.
އުމުރުން 28 އަހަރުގެ މިޑްފީލްޑާ ބާސާއާއިއެކު ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެެވެ.
ތުރާންގެ ޓްރާންސްފާ މުއާމަލާތުގެ ނިންމާނީ މިމަހު 18 ގައި އިންތިހާބު ކުރާ ބާސާގެ އާ ބޯޑުންނެވެ.
ތުރާން އަނބުރާ އެތުލެޓިކޯއަށް ފޮނުވާލުމުގެ ހުއްދަވެސް ބާސާގެ ވަގުތީ ބޯޑާއި އެތުލެޓިކޯއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ބާސާގެ އާބޯޑަށް ލިބިފައިވާ ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ. އަނބުރާ އެތުލެޓިކޯއަށް އޭނަ ފޮނުވާލާ ނަމަ ބަދަލެއްގެ ގޮތުން 34 މިލިއަން ޔޫރޯގެ 10 އިންސައްތަ އެތުލެޓިކޯއަށް ދޭން ޖެހޭނެ ކަމަށް ވެސް ދެ ކުލަބުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ބުނެފައިވެ އެވެ.
އާދާ ތުރާންގެ ޓަރާންސްފާގެ މުއާމަލާތް ދެ ކުލަބުގެ ދެމެދު ނިންމަން ޖެހޭ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އާދާ ތުރާން ބާސާއަށް ގެނެސްފައި ވަނީ އެކުލަބު ދޫކޮށް ގަތަރުގެ އަލްސާދަށް ބަދަލުވި އެޓީމްގެ ކުރީގެ ކެޕްޓަން ޒަވީ ހެނާޑޭޒް ނެތް ތަން ފޫބެއްދުމަށްކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ބާސާ އިން ވަނީ އަންނަ ސިޒަނަށް ތައްޔާރުވުމުގެ ގޮތުން ސެވިއްޔާގެ ސްޕެއިންގެ ޑިފެންޑަރު އެލެކްސް ވިޑާލްވެސް އެޓީމަށް ގެނެސްފަ އެވެ.
ނަމަވެސް ބަސާއަށް އަލަށް ގެންނަ އެއްވެސް ކުޅުންތެރިޔަކަށް މި އަހަރު ނުކުޅެވޭނެ އެވެ. އެއީ 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގެނައުމުގައި ފީފާގެ ގަވައިދުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ ފީފާއިން ބާސާއާއި ދެކޮޅަށް އަޅާފާއިވާ ފިޔަވަޅެކެވެ.
އެހެންކަމުން އާދާ ތުރާންއާއި އެލެކްސް ވިޑްލްވެސް މިއަހަރުގެ ނިޔަލަށް އެއްވެސް މެޗެއް ނުކުޅެ މަޑުކުރަން ޖެހޭނެ އެވެ.
ތުރުކީގެ ގަލަތަސަރާއިން 2011 ވަނަ އަހަރު އެތުލެޓިކޯއާ ގުޅުނު އާދާ ތުރާން ވަނީ އެޓީމަށް ކުޅުނު 178 މެޗްގައި 22 ލަނޑު ޖަހާފަ އެވެ.
އަދި އޭނާ ވަނީ އެތުލެޓިކޯއަށް 2014 ވަނަ އހަރުގެ ސްޕެނިޥް ލީގާއި ފަސް މުބާރާތެއް ކާމިޔާބުކޮށް ދިނުމުގައި އެހީތެރެވެދީފަ އެވެ. އެގޮތުން 2014 ވަނަ އހަރުގެ ސްޕެނިޝް ލީގް އެތުލެޓިކޯއަށް ކާމިޔާބުކޮށް ދިނުމާއި ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް އެޓީމް ގެންގޮސް ދިނުމަށް ޓަކައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ތުރާންއަކީ ބާސާއާއި ގުޅޭ ތުރުކީގެ ދެ ވަނަ ކުޅުންތެރިޔާއެ އެވެ. މީގެ ކުރިން ބާސާއަށް ކުޅެފައި ވަނީ ތުރުކީގެ ގައުމީ ތީމްގެ ކުރީގެ ގޯލްކީޕަރު ރަސްޓް ރިކޮބާ އެވެ. އޭނާ ވަނީ 2003 ން 2005 ށް ބާސާއަށް ކުޅެފަ އެވެ.