ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގައި އިނގިލީގެ ނިޝާން ހޯދުމަށް އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް އަންގަންފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތަކުގައި ހިމެނޭ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑީއާރުޕީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި އެހެން ޕާޓީތަކަށް ވެސް ވަރަށް އަވަހަށް އެކަން އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިނގިލީގެ ނިޝާން ހޯދުމަށް ހުރިހާ ޕާޓީއަކަށް ވެސް އަންގާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އިނގިލީގެ ނިޝާނާއި ނުލައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތައް މި އަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް އިނގިލީގެ ނިޝާން ޖަހައި އަލުން ހުށަހަޅަން ޖެހޭ ގޮތަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީހު އެނގެން އޮންނަން ޖެހެ އެވެ. ސިޔާސީ ޕާޓީތަކުގެ އާ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 2013 ވަނަ އަހަރު އެވެ.

ޕީޕީއެމް އުފެފިފައި ވަނީ އިނގިލީގެ ނިޝާން ޖަހަން ޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ އެ ގާނޫނު ފާސްވުމަށް ފަހުގަ އެވެ. އެހެން ކަމުން އެ ޕާޓީން ހުށަހަޅާފައިވާ ފޯމްތަކުގައި ވަނީ އިނގިލީގެ ނިޝާން ޖަހައިފަ އެވެ.