މެދު އިރުމަތީގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ނުވަ ގައުމަކަށް މި ދުވަސްވަރު ދިވެހިން ދަތުރުކޮށް ނޫޅުމަށް ދިވެހި ހާރިޖިއްޔާ އިން މިއަދު އިލްތިމާސް ކޮށްފި އެވެ.

ދިވެހި ހާރިޖިއްޔާ އިން މިއަދު ނެރުނު ޓްރެވަލް އެޑްވައިސްގައި ދިވެހިން ގޮސް ނޫޅުމަށް އިލްތިމާސް ކޮށްފައިވާ ގައުމުތަކަކީ، ލީބިޔާ، ޓިއުނީޝިއާ، ބަހުރެއިން، މިސްރު، އުރުދުން، ޔަމަން، އޮމާން، އިރާގު އަދި އީރާނެވެ.

އެ އެޑްވައިސްގައި ދިވެހި ހާރިޖިއްޔާ އިން ވަނީ އެ ގައުމުތަކަށް ކޮންމެހެން ދާން ޖެހިޖެއްޖެ ހާލަތެއްގައި ނޫނީ ދަތުރުފަތުރުކޮށް ނޫޅުމަށް ދިވެހިންނަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ ގައުމުތަކުގައި މިހާރު ތިބި ދިވެހިން ވެސް ވަރަށް ބޮޑަށް ސަމާލުވެގެން އުޅުމަށާއި އެއްވުންތަކާއި މުޒާހަރާތައް ހިނގަމުންދާ ސަރަހައްދުތަކަށް ނުދިއުމަށް ދިވެހި ހާރިޖިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އަދި އެ ގައުމުތަކުގެ ސަލާމަތީ ހާލަތު އަމިއްލަ އަށް ވަޒަންކުރުމަށް ފަހު އިތުރަށް މަސްރަހު ގޯސް ނުވަނީސް ފުރުމަށާއި ފޮރިން މިނިސްޓްރީ އަށް މައުލޫމާތުތައް ހިއްސާ ކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ގޮވައިލައިފަ އެވެ.

ފޮރިން މިނިސްޓްރީން މިހާރު ވަނީ އެ ގައުމުތަކުގައި ތިބި ދިވެހިން އެ މީހުންގެ މައުލޫމާތު ދިވެހި ހާރިޖިއްޔާއާ ހިއްސާ ކުރާނެ ވިއުގައެއް ގާއިމް ކޮށްފަ އެވެ. އެގޮތުން ޓްރެވަލް އެޑްވައިސް ނެރެފައިވާ ގައުމުތަކުގައި ތިބި ދިވެހި ކުދިން 'ކޮންސިއުލާ އެޓް ފޮރިން ޑޮޓް ޖީއޯވީ ޑޮޓް އެމްވީ' އީމެއިލް މެދުވެރިކޮށް ހާރިޖިއްޔާ އާ މުއާސަލާތު ކުރެވޭ ގޮތް ވަނީ މިހާރު ހަދައިފަ އެވެ. އަދި 3304405 ގުޅައިގެން ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެ އެވެ.

އަދި ސައޫދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް 0096614626787 ނަމްބަރުން ގުޅުމަށް ދިވެހި ހާރިޖިއްޔާ އިން ވަނީ އެ ގައުމުތަކުގައި ތިބި ދިވެހި ކުދިންގެ ކިބައިން އެދިފަ އެވެ.

މިސްރާއި ލީބިޔާގެ ހާލަތު ގޯސްވެ އާންމުންނަށް އެކަމުގެ ނުރައްކާތެރިކަން ފޯރަން ފެށުމުން ދިވެހި ހާރިޖިއްޔާ އިން ވަނީ އެ ގައުމުތަކުގައި ކިޔަވަން ތިބި ދިވެހި ކުދިން ރާއްޖެ ގެނެސްފަ އެވެ.