06 Jul 2015, 17:30
ދިވެހިންގެ އުފެންދުންތެރިކަމުގެ މައުރަޒު އަންނަ ނޮވެމްބަރު މަހު ރާއްޖޭގެ ހަ ސަރަހައްދެއްގައި ބާއްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވެލާނާގޭގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި މުހައްމަދު ސައީދު ވިދާޅުވީ 42 ދާއިރާއަކުން ތަކެތި ބައިވެރިކުުރުމުގެ ފުރުސަތު އެމައުރަޒުގައި އޮންނާނެ ކަަމަށެވެ. އެ މައުރަޒުގައި ބައިވެރިކުރެވޭނީ ހަމައެކަނި އުފެދުންތައް ނޫންކަަމަށާއި ދިވެހި ސަގާފީ ކުޅިވަރުތައް ވެސް ބައިވެރިކުރެވިދާނެ ކަަމަށް ސައީދު ވިދާޅުވިއެވެ.
އަދި އެ މައުރަޒުގައި ޒުވާނުންނަށް ވަރަށް ބޮޑަށް ޚާއްސަކަމެއް ދީފައިވާ ކަން މިނިސްްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މައުރަޒުގައި އައިޓީ ދާއިރާއިން އުފައްދާ ތަކެތި ހިމެނޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"މި މައުރަޒު ބާއްވާ އިރު ޒުވާނުންނަށް ވަަރަށް ބޮޑަށް ފޯކަސް ކުރަން" ސައީދު ވިދާޅުވިއެވެ.
އެ ޕްރެސްކޮންފަރެންސްގައި އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ވަކިވަކި ފަރުދުންނަށާއި ވިޔަފާރި ތަކަށާއި އަދި ސްކޫލްތަކަށް އޮންނާނެ ކަަމަށެވެ. މިއިން ކޮންމެ ބަޔަކުން ވަނަތައް ހޮވޭނެ ކަމަށް އަބަދުﷲ ވިދާޅުވިއެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ މީހުން އުފައްދާ ތަކެތި ވަކި ޚާއްސަ ދާއިރާއެއްގެ ގޮތުގައި މައުރަޒުގައި ބައިވެރިކުރެވޭނެ ކަަމަށް އަބްދުﷲ ވިދާޅުވިއެވެ.
މިއަދު އޮކޮނަމިކް މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން. -- ސަން ފޮޓޯ: ފަޔާޒް މޫސާ
މައުރަޒު ބާއްވާނެ ރަށްތައް އަދި ކަނޑައަޅާފައި ނުވާކަމަށާއި ރަށްތައް ކަނޑައަޅާނީ ބައިވެރިވާ ރަށްރަށާއި ލޮޖިސްޓިކްސް ފަދަ ކަންތައްތަަކަށް ބެލުމަށްފަހު ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.
މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 80 މާކްސް އަށް ވުރެ އިތުރަށް މާކްސް ލިބޭ ކޮންމެ ފަރާތަކަށް ގައުމީ އިނާމެއް ލިބޭނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. މައުރަޒާއި ބެހޭ ތަފްސީލް މައުލޫމާތު ވަަރަށް އަވަހަށް ގެޒެޓް ކުރާނެ ކަަމަށް އަބްދުﷲ ވިދާޅުވިއެވެ.
ގައުމީ މަރުކަޒުން ހޮވާލެވޭ ތަކެތި ބޭރުގަ ބާއްވާ ފެއާތަކުގައި ދައްކާލާނެ ކަަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ހަތް ސަރަހައްދުގައި މައުރަޒު ބޭއްވުމަށް ފަހު 50 އަށް ވުރެ ގިނައިން މާކްސް ލިބޭ ތަކެތި މާލޭގައި ބާއްވާ މައުރަޒުގައި ބައިވެރިކުރާނެ ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. އެ މައުރަޒު އޮންނާނީ ޑިސެމްބަރު މަހުއެވެ.