ކަނޑަށް ވެއްޓިފައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭން ވެއްޓުނު ހާދިސާ ތަހުގީގް ކުރަން ބޭނުންވާ ބައެއް ހެކިތައް ހޯދައި ބޯޓުގެ ބައެއް ބައިތައް ކަނޑުން ނަގާފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީން، އެ ބޯޓް ވެއްޓުނު ހާދިސާގެ ތަހުގީގުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތުތައް ހިއްސާ ކުރަމުން މިއަދު ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ތަހުގީގު ފަށާފައިވާއިރު ބައިނަލްއަގްވާމީ އުސޫލުތަކުގެ މަތިން އެ ބޯޓުގެ ރެކޯޑްތައް "ޗެއިން އޮފް ކަސްޓަޑީ" ނުގެއްލޭގޮތަށް ތަހުގީގް ކުރާ ކޮމެޓީގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

"އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީގައި މިހާރު ވަނީ ތަހުގީގަށް ބޭނުންވާ ބައެއް ހެކި ހޯދިފައި. އެގޮތުން އެކްސިޑެންޓްވި މާހައުލުގެ ވީޑިއޯ ފޮޓޯގުރަފީ ހެކިތައް ހޯދި ބޯޓުގެ ބައެއް ބައިތައްވަނީ ރިކަވާ ކުރެވިފައި." ސިވިލް އޭވިއޭޝަންއިން ބުންޏެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީން ބުނީ އެ އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ހެކިތައް އެ އޮތޯރިޓީން ބޭނުންވާވަރަށް ނަގައި ނިމެންދެން އެ ތަކެތި ހުންނާނީ ކޮމެޓީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އޭގެ އިތުރުން އެ ބޯޓުގެ ފަސިންޖަރުންނާއި ފަޅުވެރީންނާއި އިންޓަވިއުކޮށްފައިވާ ކަމަށްވެސް އެ އޮތޯރިޓީއިން ބުންޏެވެ.

ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމަށް ކަނޑުއަޑީގައިވާ ބޯޓާއި އެ ބޯޓުގެ ބައިތައް ނެގުމާއެކު ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

ޓީއެމްއޭގެ ބޯޓު ވެއްޓެން ދިމާވި މައްސަލަ ސިފައިންނާއި ފުލުހުންގެ އެހީގައި ސިވިލް އޭވިއޭޝަނުން ތަހުގީގް ކުރަމުންދާއިރު މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު އެ ބޯޓް ވެއްޓެން ދިމާވި ސަބަބެއް ދެންނެވެން ނެތް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 ގައި ހިނގި އެ ހާދިސާގައި ޅ. ކުރެއްދޫ ރިސޯޓު ކައިރިއަށް ބޯޓް ކަނޑަށް ވެއްޓުނު ނަމަވެސް އޭގައިތިބި 11 ފަސިންޖަރުންނާއި ތިން ކުރޫއިން ވަނީ ސަލާމަތް ކޮށްފައެވެ. އެހެން ނަމަވެސް ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ އަޑިއަށް ގޮސްފައެވެ.