06 Jul 2015, 16:16
ރާއްޖެ އަށް އެތެރެކޮށް ވިއްކާ އަސާސީ ކާބޯތަކެތި ކަނޑައަޅައި އެފަދަ ތަކެތި ރައްޔިތުންނަށް އަބަދުމެ އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ ގޮތުން ބައެއް މެމްބަރުން ދެކޮޅު ހެއްދެވިރު ބައެއް މެމްބަރުން ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވައިފި އެވެ.
އަތްފޯރާ ފަށުގައި އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރާ ބިލާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ގިނަ މެމްބަރުން އެ ބިލަށް ވަނީ ތާއީދުކޮށް ވާހަކަ ދައްކަވާފައި އެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން އޭދަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު ސަލީމް (ރެޑު ވޭވް ސަލީމް) ވިދާޅުވީ ވާދަވެރި މާކެޓެއްގައި އެއްބަޔަކު އަނެއް ބަޔަކު މުދާ ވިއްކަމުންދާ އިރު 20 ޕަސެންޓުގެ މާޖިނެއް ލައިގެން އެއްވެސް މުދަލެއް ނުވިއްކޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރަން ކިތަންމެ ވަރަށް މަސައްކަތް ކުރި ކަމުގައި ވިއަސް އެކަން ނުކުރެވޭނެ ކަމަށެވެ.

އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް: ފޮޓޯ/ މަޖިލިސް
"މިހާރު ވިޔަފާރި އަކީ އެ މާކެޓަށް ބޭނުންވާ ވަރަށް ސަޕުލައި ލިބުނީމާ އޭގެ އަގުތައް ތިރިވެގެންދާ އެއްޗެއް. ދެން ބިސް ފިޔަވައި އަލުވިއަށް ބަލާ އިރު މިއީ މައްސަލައަކީ. މި އަންނަނީ މައްސަލަ ފެށޭ ހިސާބު. މި ބިސް ފިޔާ އަލުވި އަކީ މާ ގިނަ ދުވަހު ބެހެއްޓޭނެ އެއްޗެއްސެއް ވެސް ނޫން. ބައެއް ފަހަރު ފިޔާ އެއްޗެއްހިން އަންނަ އިރު އެބަ އާދޭ 50 ޕަސެންޓު ހަލާކުވެފައި. އަނެއްބައި ރަނގަޅުވެފައި. އެފަހަރު ވިޔަފާރިވެރިޔާ އަށް ވަރަށް ބޮޑު ގެއްލުމެއް ވެސް ލިބިގެން ހިނގައިދާނެ. ކެބެޖު އާދޭ އެއްކޮށް ހަލާކުވެފައި ހުންނަ ފަހަރު،" ސަލީމް ވިދާޅުވި އެވެ.
ކޮންޓްރޯލް އަގުގައި ވިއްކަން ޖެހޭ ތަކެތި:
- ހަނޑޫ، ހަކުރު، ގޮދަން ފުށް
- ކުކިން އޮއިލު، ލޮނު، މުގު
- ކުކުޅު ބިސް، އަލުވި، ފިޔާ
- އާންމުކޮށް ދިވެހިން ބޭނުން ކުރާ ހަވާދުގެ ތެރެއިން ގަނޑުކޮށް ވިއްކާ ހަވާދު
- އައިސް ކުކުޅި
- ސައިފަތް
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު ވިދާޅުވީ ކާބޯތަކެތި ވިއްކާ އަގު ވަކި ނިޒާމެއްގެ ތެރެއިން ކޮންޓުރޯލު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކާބޯތަކެތީގެ އަގު ކޮންޓުރޯލު ކުރުމަށް ވާހަކަ ދައްކަނީ އާއްމު ރައްޔިތުންގެ ޖީބަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ކާބޯތަކެތި ކޮންޓުރޯލު އަގެއްގައި ވިއްކާ ނަމަ އޭގެ "ކޮލިޓީ"ގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށެވެ.

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު: އޭނާ ވިދާޅުވީ ކާބޯތަކެތީގެ އަގާ އެއްވަރަށް އެތަކެތީގެ ކޮލިޓީ ވެސް ހިފަހައްޓަން ޖެހޭނެ ކަމަށް -- ފޮޓޯ/ މަޖިލިސް
"ތާކުން ތާކުން ނުޖެހޭ ކިރާ ފާޑު ފާޑޫގެ މާއްދާތައް އަޅައިގެން އެބަ ވިއްކާ. އެކަމުގެ ސަބަބުން ރައްޔިތުންނަށް އެހާ ގެއްލުން ލިބޭ. އެހެންވީމަ ކޮލިޓީ ކޮންޓްރޯލް ކުރުމަކީ ވެސް މިއީ މީގައި ހިމަނަން ޖެހޭ އެއްޗެއް." އިލްހާމު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވާ އިދިކޮޅު އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އަސާސީ ކާބޯތަކެތީގެ އަގު ކޮންޓުރޯލް ކުރުމުގެ ބިލުގައި ބުނެފައި ވަނީ 12 ބާވަތެއްގެ ތަކެތީގެ އަގު ކޮންޓުރޯލް ކޮށްގެން ވިއްކަން ޖެހޭނެ ކަމަށެވެ.
ނާޝިދު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ އެ ބިލް ފާސްވެ ގާނޫނަކަށްވާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޮންޓުރޯލު އަގުގައި ވިއްކާ ތަކެއްޗާއި އަދި އެ ތަކެތި އުފައްދާފައިވާ ގައުމާއި އެތަކެއްޗަށް އާންމުކޮށް ދިވެހި ރާއްޖޭގައި ކިއާނަމާއި އަދި ފަންނީ ނަން ކަމާ ގުޅުން ހުރި މިނިސްޓަރު ކަނޑައަޅަން ވާނެ ކަމަށެވެ.